އަލްފާޟިލާ ޙަބީބާ ޙުސައިން ޙަބީބް
މއ. މާންދޫވިލާ

ލިޔުންތެރިކަމަކީ، ޙަބީބާ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަކަށްވާތީ، އެ މަސައްކަތް ފެށިގެން އައީ، 1954 ވަނަ އަހަރު ނުކުތް ނޫސް "މުންނާރު"ންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު" ންނެވެ. މިނޫނަސް އެދުވަސްވަރު ނިކުތް ވަރަށްގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިޢުކުރައްވާފައި ވެއެވެ. "އަދަބީ ޝުޢޫރު"، "ޖިންސުއްލަޠީފް"، "ހުވަނދު"، "މޫންލައިޓް"، "އަމާޒު"، "ހިޔަލަ" ފަދަ ނޫސް، މަޖައްލާތަކުގައެވެ. ޝާއިޢުކުރެއްވި ދިގުވާހަކަތަކުގެ ތެރޭގައި "ފަތްމިނި"، 'ނައުޝީން"، "އަޑު" ހިމެނެއެވެ. ތަރުޖަމާކުރެއްވި ވާހަކަތަކުގެ ތެރެއިން މަޝްހޫރުވި ވާހަކަތަކުގެ ތެރޭގައި "ތަޤްދީރުގެ ނިޔާ" އާއި "މަޢާފަށްވުރެ...!" ހިމެނެއެވެ.
ދިވެހިބަހަށް ތަރުޖަމާކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1981 ވަނަ އަހަރު ޙަބީބާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި މިނިވަން 25 ގެ އިނާމުވެސް ޙަބީބާއަށް ލިބިވަޑައިގެންފައިވެއެވެ. ނޫސްވެރިކަމުގެ ރަންގަލަންވެސް، ލިބިވަޑައިގެންފައިވެއެވެ.