އަލްފާޟިލް ޤާސިމް އިބްރާހީމް
މ. މާފަންނުވިލާ

ޤާސިމް އިބްރާހީމަކީ، ޖަމާޢަތަށް ފައިދާހުރި ވަރަށްގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، އިޖްތިމާޢީ ޙަރަކާތްތަކުގެ ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުއްވައިދެއްވަމުން ގެންދަވައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސްކޫލް، މަދަރުސާއާއި ޕްރީސްކޫލްފަދަ ތަންތަނާއި ޤުރްއާން ކިޔަވައިދޭ ތަންތަން، އޭނާގެ އަމިއްލަ ޚަރަދުގައި ޢިމާރާތްކޮށްދެއްވާފައިވެއެވެ. މަތީ ތަޢުލީމުގެ ފުރުސަތު، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ދަރިވަރުންނަށް ހޯއްދަވައިދެއްވުމުގެ ގޮތުން ވިލާ ސްކޮލަރޝިޕް ސްކީމް 2000 ވަނަ އަހަރު ފަށްޓަވައި 2003 ވަނަ އަހަރު ވިލާ ފައުންޑޭޝަން އުފެއްދެވިއެވެ. އޭވިއޭޝަން ދާއިރާއަށް މީހުން ބިނާކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، ޚާއްޞަކޮށް ޕައިލެޓުން ތަމްރީނުކުރައްވައި އެއަރކްރާފްޓް މެއިންޓެނަންސް އެންޖިނިއަރިންގގެ ދާއިރާއިން މިއަދާ ހަމައަށް ގިނަބަޔަކަށްވަނީ ފުރުޞަތު ހޯއްދަވައިދެއްވާފައެވެ. މަތީ ތަޢުލީމުގެ ފުރުޞަތު ގިނަބަޔަކަށް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، އެ ފުރުޞަތުތައް ހޯއްދަވައިދެއްވަމުން ގެންދަވާފައިވެއެވެ. އަދި ވިލާ ކޮލެޖުގެ ދަށުން ތިން ފެކަލްޓީއެއް ޤާއިމުކުރައްވައި، އެ ފެކަލްޓީތަކުގެ ޚިދުމަތް ދެއްވަންވަނީ ފަށްޓަވާފައެވެ.
ޤާސިމް އިބްރާހީމަކީ، ޞިއްޙީ ދާއިރާއިންވެސް ޢާންމު ރައްޔިތުންނަށް ވަރަށްގިނަ ޚިދުމަތްތަކެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ބަލިމީހުންނަށް ބޭސްފަރުވާގެ އެހީ ފޯރުއްވައިދެއްވަމުން ގެންދަވާތާ 25 އަހަރު ވެއްޖެއެވެ. މިގޮތުން ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި، ޚާއްޞަކޮށް އިންޑިއާގައި ދިވެހިންނަށް ބޭސްފަރުވާގެ އެހީ، މި ވޭތުވެދިޔަ 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ދެއްވާފައިވެއެވެ. އަދި އެކިއެކި ބޮޑެތި އޮޕަރޭޝަންތައްވެސް އޭނާގެ ޚަރަދުގައި ކޮށްދެއްވާފައިވެއެވެ.
އިޖްތިމާޢީ ދާއިރާއިން ޤާސިމް ކޮށްދެއްވާ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތްތައް އަޅުއްވައިދެއްވުމާއި، ބަނދަރު ހައްދަވައިދެއްވުމާއި، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ފޯރުވައިދެއްވުމާއި، އިންޖީނުގެ އަޅުއްވައިދެއްވުމަށް ޖަނަރޭޓަރާއި ކަރަންޓާބެހޭ ސާމާނު ހަދިޔާކުރެއްވުމާއި، ފާލަމާއި އިޖްތިމާޢީ މަރްކަޒުތައް ހެދުމަށް އެހީތެރިވެދެއްވުން ހިމެނެއެވެ. ރަށްރަށުގެ ރައްޔިތުންގެ ގެދޮރު އިމާރާތްކުރުމަށް ފައިސާއާއި ތަކެތީގެ އެހީ ވެދެއްވާފައިވެއެވެ. ޚާއްޞަކޮށް ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް މިގޮތުން ދެއްވާފައިވާ އެހީ ފާހަގަކޮށްލެވެއެވެ.