އަލްފާޟިލް މޫސާ ނާޝިދު
މ. އަނޯނާގެ

             އުމުރުން 14 އަހަރުން ފެށިގެން ބެޑްމިންޓަން ކުޅުއްވަމުން ގެންދަވައި، މިރޮނގުން މަތީ ކާމިޔާބީތަކެއް މޫސާ ނާޝިދު ޙާޞިލު ކުރައްވާފައިވެއެވެ. 12 އަހަރު ވަންދެން ޤައުމީ ބެޑްމިންޓަން ޓީމުގެ ކެޕްޓަންކަން ކުރައްވައި، ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށްދެއްވައި، ރާއްޖެއަށް ބެޑްމިންޓަންގެ ރޮނގުން ގިނަގުނަ ކާމިޔާބީތައް، މޫސާ ނާޝިދު ހޯއްދަވައިދެއްވާފައިވެއެވެ. ރާއްޖެ ތަމްސީލުކޮށްދެއްވާފައިވާ މުބާރާތްތަކުގެ ތެރޭގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، އޭޝިއަން ގޭމްސްއާއި، އޭޝިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕާއި، ކޮމަންވެލްތް ގޭމްސްއާއި، ސާކް ބެޑްމިންޓަން ޗެމްޕިއަންޝިޕް ހިމެނެއެވެ. ރާއްޖޭގެ 1 ވަނަ ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު، 10 އަހަރު ވަންދެން މޫސާ ނާޝިދު ދިފާޢު ކުރައްވާފައިވެއެވެ. މީގެއިތުރުން ކްލަބްތަކަށްވެސް ކާމިޔާބީތައް ހޯއްދަވައިދެއްވާފައިވެއެވެ. 13 އަހަރު ވަންދެން ބެޑްމިންޓަން ކޯޗެއްގެ ގޮތުން ޤައުމީ ޓީމަށާއި، ކްލަބްތަކަށާއި، ކުޑަކުދިންނަށް މަސައްކަތްކޮށްދެއްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް ބެޑްމިންޓަން ޓީމްތަކަށްވެސް މޫސާ ނާޝިދު ކޯޗުކަން ކޮށްދެއްވާފައިވެއެވެ.