އަލްފާޟިލް ޙުސައިން ޒިނާން
ހ.ކުރެދިމާގެ

 

އިންސާނާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ، ކަސްރަތުކަމަށް ވީހިނދު، މިކަމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މިދާއިރާއަށް ޚިދްމަތްތަކެއް ކޮށްދެއްވުމުގެ ބޭނުންތެރިކަން ޒިނާނަށް ވަރަށް ބޮޑަށް އިޙްސާސް ކުރެއްވޭތީ، މިމަސައްކަތް އޭނާ ފެށްޓެވީ 1995 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މިރޮނގުން އޭނާ މިއަދުވަނީ، ތަފާތު އެތައް ތަމްރީނުތަކެއް އިނގިރޭސިވިލާތުން ފުރިހަމަކުރައްވާފައެވެ. ޕަރސަނަލް ޓްރޭނިންގގެ ރޮނގުންނާއި، ޖިމް އިންސްޓްރަކްޓަރގެ ރޮނގުން އޭނާވަނީ، އެކި ސެޓްފިކެޓްތައް ހާސިލު ކުރައްވާފައެވެ. އޭނާއަކީ، ޕަރސަނަލް ޓްރޭނިންގގެ ރޮނގުން މާސްޓަރ ޓްރެއިނަރެކެވެ.
 
މަސައްކަތުގެ ޢަމަލީ ދާއިރާގައި ޒިނާން ޙަރަކާތްތެރިވާން ފެށްޓެވީ،  1995 ވަނަ އަހަރުން ފެށިގެން [މަސްލް ލޯޑް]ގައި ކަސްރަތު ކުރައްވަން ފެށްޓެވި ހިސާބުންނެވެ. 2002 ވަނަ އަހަރު [މާލޭ ފިޓްނަސް ކްލަބް] ހިންގެވުމާ ހަވާލުވެވަޑައިގެން، އެތަނުގެ ޓްރޭނިންގ އިންޗާޖުގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ދުނިޔޭގެ ދެވަނައަށް އެންމެބޮޑު ކަސްރަތު ޕްރޮގްރާމް، [ފްރެންޗައިސް ސިސްޓަމް] ތައްޔާރުކުރާ ކުންފުނި ކަމަށްވާ އާޖެންޓީނާގެ ރެޑިކަލް ފިޓްނަސް އިންޓަރނޭޝަނަލްގެ ޕްރޮގްރާމްތަކާއެކު، 2009 ވަނައަހަރު [ޓޯޓަލް ފިޓްނަސް ގްރޫޕް]ގެ ނަމުގައި ފިޓްނަސް ސެންޓަރެއް އުފައްދަވައި ހިންގަވަން ފެށްޓެވިއެވެ. އެސެންޓަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދު، 1800 އަށްވުރެ ގިނައެވެ. އަދި މިހާރުވެސް ގަވާއިދުން މަހަކު 300 އަށްވުރެ ގިނަމީހުން އެސެންޓަރުން ޚިދުމަތް ހޯދަމުން ގެންދެއެވެ. މިޕްރޮގްރާމްތައް ހިންގުމަށް ރާއްޖޭގެ ތިން ރިޒޯޓެއްވަނީ ލައިސަންސްވެސް ކުރެވިފައެވެ.
 
އެސެންޓަރުގައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނު ލިބިފައިވާ 25 ދިވެހި އިންސްޓްރަކްޓަރުން މަސައްކަތް ކުރަމުން  ގެންދެއެވެ. އޭގެތެރެއިން 8 އިންސްޓްރަކްޓަރުންނަކީ، މާސްޓަރ ޓްރެއިނަރުންނެވެ. އެހުރިހާ އިންސްޓްރަކްޓަރުންނަކީވެސް، ޒިނާން ތަމްރީނު ކުރެއްވި އިންސްޓްރަކްޓަރުންނެވެ. ޓޯޓަލް ފިޓްނަސް ގްރޫޕުން ރާއްޖެއަށް މުޅިން އާ ހަތަރު ވައްތަރެއްގެ ކަސްރަތު ޕްރޮގްރާމް ތަޢާރުފުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ޓޮޕްރައިޑް، ޔޫ ބައުންޑް، ކީމެކްސް އަދި ޢުމުރުން 4 އަހަރާއި 11 އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް އަމާޒު ކުރައްވައިގެން، [ރެޑް ކިޑްސް]ގެ ނަމުގައި ތައްޔާރު ކުރައްވާފައިވާ ޕްރޮގްރާމެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި، ދުޅަހެޔޮ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން [ލޫޒަރ]ގެ ނަމުގައި ޕްރޮގްރާމެއް ތައްޔާރު ކުރައްވައި، އެމަސައްކަތްވެސް ކުރިއަށް ގެންދަވައެވެ.  
 
ރާއްޖޭގެ އަތޮޅުތަކުގައި އެކަށީގެންވާ ފެންވަރުގެ ޖިމް އިންސްޓްރަކްޓަރުން ނެތުމަކީ، ޒިނާން ވަރަށް ހިތާމަ ކުރައްވާ ކަމެކެވެ. ވަގުތު ލިބިވަޑައިގަންނަވާ މިންވަރުކުން ބައެއް ރަށްރަށަށް ވަޑައިގެން، ތަމްރީނުތައް ހިންގަވާފައިވެއެވެ. މިހާރު މަސައްކަތް ކުރައްވަނީ މިރޮނގުން ކުރިއަށްދާން އެދޭ ކުދިން، ރަށްރަށުން ގެންނަވައިގެން، އެކުދިންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަވައި، ރާއްޖޭގެ ރަށްރަށަށް މިކަން އިތުރަށް ފުޅާކުރެއްވުމަށެވެ.
 
ޙުސައިން ޒިނާންގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ކަންތައްތަކުގެ ތެރޭގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕޮލިސް ފިޒިކަލް ޓްރޭނިންގ ގައިޑެއް ތައްޔާރުކޮށްދެއްވައި، ފުލުހުންގެ ބޭސިކް ފިޓްނަސް ސްޓޭންޑަޑް އެކަށައެޅުއްވުމަށް ޕޮލިސް އެކެޑެމީގައި މަސައްކަތް ކޮށްދެއްވައި، މިންގަނޑެއް ތައްޔާރުކޮށްދެއްވައި، އެ މިންގަނޑާ އެއްގޮތަށް ކޯސްތައް ހިންގަވައި ދެއްވައި، 150 ކުދިން ތަމްރީނު ކުރެއްވިއެވެ. މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް [ދުޅަހެޔޮ ޞިއްޙަތަށް ކަސްރަތު ޕްރޮގްރާމް]ގެ ފޯމެޓެއް ތައްޔާރުކޮށްދެއްވައި އެހީތެރިވެދެއްވާފައިވެއެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް ސެންޓަރުން ހިންގެވި ލެވެލް 1 އާއި 2 ގެ ފިޓްނަސް ކޯސްތަކުގައި ކިޔަވައި ދެއްވައި، ސެކަންޑަރީ ސްކޫލްގެ ދަރިވަރުންނަށް ކަސްރަތުގެ މުހިންމުކަން އަންގައިދޭ ޕްރޮގްރާމެއް ލިޔުއްވައި ހުށަހަޅުއްވައި ދެއްވާފައިވެއެވެ.
 
ދި ޓީ.ވީ.އިން ގެނެސްދިން [ދި ޓީ.ވީ ފިޓްނަސް ސެންޓަރ] ޕްރޮގްރާމް އުފައްދަވައި، ދޮޅުއަހަރެއްހާ ދުވަހު މި ޕްރޮގްރާމް ޒިނާން ހުށަހަޅުއްވައިދެއްވިއެވެ. އަދި [ޑްރީމް ބޮޑީ]ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް، ދި ޓީ.ވީ އިން ގެނެސްދިން ޕްރޮގްރާމް އުފައްދަވައި، ހުށަހަޅުއްވައި ދެއްވީވެސް ޒިނާނެވެ.  
 
ޙުސައިން ޒިނާންވަނީ، ބޮޑީ ބިލްޑިންގ ފެޑެރޭޝަންގެ އެކި މަގާމުތަކުގައި 1998އިން ފެށިގެން 2008އަށް ޚިދްމަތް ކުރައްވާފައެވެ. އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޖެނެރަލް ސެކްރެޓަރީ ކަމާއި، ޑިސިޕްލިނަރީ ކޮމިޓީގެ ރައީސްކަމާއި، ފެޑެރޭޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވެއެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމުވެސް 2008ން 2009އަށް ޒިނާންވަނީ ފުރުއްވާފައެވެ.
 
މިދިޔަމަހު ގްރީސްގައި ބޭއްވުނު ދުނިޔޭގެ ޖިމް އިސް އިންސްޓްރަކްޓަރުންގެ ކޮންވެންޝަންގައި ޒިނާންވަނީ ބައިވެރިވެވަޑައިގެންފައެވެ. މިކޮންވެންޝަންގައި ޒިނާން ބައިވެރިވެވަޑައިގަތީ، އޭނާ ތަމްރީނު ކުރައްވާފައިވާ އިންސްޓްރަކްޓަރުންގެ ތެރެއިން 3 އިންސްޓްރަކްޓަރުންނާ އެކުގައެވެ. ބައިނަލްއަޤްވާމީ މިފަދަ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރްޞަތު ލިބިވަޑައިގަތުމަކީ،  ޒިނާނަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެކެވެ.  
 
ޒިނާނަށް މިރޮނގުން މިއަދު ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް ލިބިވަޑައިގަންނަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފަލަކީ، އޭނާ ކުރައްވަމުން ގެންދަވާ މި މަސައްކަތުގެ ސަބަބުން، ކަސްރަތުގެ މުހިންމުކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ބޭނުންތެރިކަން އަޅުގަނޑުމެންގެ އެތައް ބަޔަކަށް ވަޒަންކުރެވިގެންދާކަމެވެ.