އަލްފާޟިލް ޙަސަން ތައުފީޤު
ރަތްބަގީޗާގެ/އދ.މަހިބަދޫ

 

ދިވެހި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރެއްވުމަކީ، ޙަސަން ތައުފީޤުގެ ހިތްޕުޅުގައި ޚާއްޞަ ޝައުޤުވެރިކަމެއް ދެވިފައިވާ ކަމެކެވެ. ސަގާފީ ކުޅިވަރުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އޭނާގެ ބޭބެ ދެއްވި ހިތްވަރާއި، ބޭބެގެ އެހީތެރިކަމާއެކު، ޢުމުރުން އެންމެ 12 އަހަރުގައެވެ.
 
ސަގާފީ ކުޅިވަރުތައް ކުޅުއްވަން ފެށްޓެވީއްސުރެ، ޙަސަން ތައުފީޤު އެންމެބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވީ، ސަގާފީ އެކި ކުޅިވަރުތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެން އައި ގޮތްތައް ދިރާސާ ކުރައްވައި، އެކަމުގެ މަޢުލޫމާތު ހޯއްދެވުމަށެވެ. ރަށްރަށަށް ޒިޔާރަތް ކުރައްވައި، އެކި ކުޅިވަރުތައް ކުޅޭ މީސްމީހުންގެ ގާތުން، ކުޅިވަރުތައް ފެށިގެން އައިގޮތާއި، އެކި ކުޅިވަރުތައް، ކުރިން ކުޅެމުންދިޔަގޮތާއި، އެކުޅިވަރުތަކަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ އައްސަވައި، އެކަންކަން ދިރާސާ ކުރައްވަމުން ގެންދެވިއެވެ. އަދި އެކުޅިވަރުތަކަށް ޒަމާނާ އެއްގޮތަށް ގެނެވިދާނެ ބަދަލުތަކަކީ ކޮބައިތޯ ބައްލަވައި، ކުޅިވަރުތައް ކުޅުއްވައި ދަސްކޮށްދެއްވަން ފެށްޓެވިއެވެ.
 
ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ޙަސަން ތައުފީޤުގެ އެންމެ ޚާއްޞަ ފަންނަކީ، ބޮޑުބެރެވެ. ހުރިހާ ވައްތަރެއްގެ ބެރެއް ޙަސަން ތައުފީޤު ދަސްކުރައްވާފައިވެއެވެ. އޭގެއިތުރުން، ބަނޑިޔާ ޖެހުމާއި، ލަނގިރި ޖެހުމާއި، މާފަތި ނެށުމާއި، ބިލެތްދަފި ނެގުންފަދަ ކުޅިވަރުތައްވެސް ވަރަށް ރަނގަޅަށް ދަސްކުރައްވާފައިވެއެވެ.
 
ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްރަށަށް ޙަސަން ތައުފީޤު ދަތުރުކުރައްވައި، ސްކޫލްތަކުގެ ކުދިންނަށާއި ޒުވާނުންނަށް، މި ކުޅިވަރުތައް ދަސްކޮށްދެއްވާފައިވެއެވެ. އަދި މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ސަގާފީ ކުޅިވަރުތައް  ދަސްކޮށްދެއްވާފައިވެއެވެ. އަދި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން، އާޓިސްޓިކް ފަންނުތަކާއި، ފަންނުވެރިންގެ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި، ޚާއްޞަކޮށް، ސަގާފީ ފަންނުވެރިކަން އާލާކޮށް ދެމެހެއްޓެވުމަށް ބޮޑުބެރު ވަރކްޝޮޕެއް، 2007 ވަނަ އަހަރު ޙަސަން ތައުފީޤު ވަނީ ހިންގަވައިދެއްވާފައެވެ.
 
ޙަސަން ތައުފީޤު އެންމެބޮޑު ސަމާލުކަމެއް ދެއްވަނީ، ޒަމާނަށް އަންނަ ބަދަލުތައް، ސަގާފީ ކުޅިވަރުތަކަށް އަންނަމުންދިޔަ ކަމުގައިވިޔަސް، ކޮންމެ ކުޅިވަރެއްވެސް، އެ ކުޅިވަރެއްގެ އަސްލު ނުގެއްލޭގޮތަށް ކުޅިވަރުތައް ހުށަހެޅުއްވުމަށެވެ. ކާބަފައިން ކުޅިވަރު ކުޅެމުންދިޔަ ސަގާފީ ގޮތްތައް ދެމެހެއްޓެވުމަށެވެ.
 
ޙަސަން ތައުފީޤަކީ، މިއަދު ޒުވާން ކުދިންނާއެކުވެސް ބަދަލުވަމުންދާ މާޙައުލުގައި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރެއްވުމަށް ހީވާގިކަމާއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުގައި މިއަދު ވިދަމުންދާ ގިނަ ޒުވާނުންނަކީ، ޙަސަން ތައުފީޤުގެ ދަރިވަރުންނެވެ.
 
ރާއްޖެއިން ބޭރުގައި ބޭއްވުނު ޓޫރިޒަމް ފެއަރތަކުގައި ޙަސަން ތައުފީޤުވަނީ، ރާއްޖެ ތަމްސީލު ކުރައްވައި، ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ދައްކަވާލައްވާފައެވެ. މިގޮތުން، ޗައިނާގައި ބޭއްވުނު ވާރލްޑް ލެޝަރ އެކްސްޕޯގަޔާއި، ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން އިންތިޒާމު ކުރައްވައިގެން، އިންޑިއާގައި ބޭއްވުނު މޯލްޑިވިއަން ނައިޓްގައިވެސް އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދުބާއީގައި ބާއްވަން ހަމަޖެހުނު ޝޯ އަކަށް ދުބާއީއަށް ވަޑައިގެން، އެ ޝޯގައި ބައިވެރިވާން ނެގުނު ކުދިންވަނީ ތަމްރީނުކޮށްދެއްވާފައެވެ.
 
ޙަސަން ތައުފީޤު މިރޮނގުން ކޮށްދެއްވި ޚިދްމަތްތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާކް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި ބޭއްވުނު މުނިފޫހިފިލުވުމުގެ ޕްރޮގްރާމަށް، އައްޑުއަތޮޅުންނާއި ފުވައްމުލަކުން ކުދިން ތައްޔާރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތެވެ. އެ ޝޯގައި ދައްކާލި ސަގާފީ އެކިއެކި ނެށުންތަކާއި، ކުޅިވަރުތައް ދަސްކޮށްދެއްވުމުގެ އިސް މޭސްތިރިއަކީ، ޙަސަން ތައުފީޤެވެ.  މި ޝޯ އެހާ ފުރިހަމަގޮތެއްގައި ހުށަހަޅުއްވައިދެއްވުނުކަމީ، ޙަސަން ތައުފީޤަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެކެވެ.
 
ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި، ޙަސަން ތައުފީޤުގެ ނަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އޭނާ މިކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެއްވުމަށް ގެންދަވާ ސަމާލުކަމުގެ ސަބަބުންނެވެ.