އަލްފާޟިލް މުޙައްމަދު ޢަދީލް
ދުންމާރިގެ / ގދ. ގައްދޫ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މުޙައްމަދު ޢަދީލަކީ، މިއަދުގެ ޒުވާނުންނަށް، ޚާއްޞަކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް، ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް ޢަދީލް ނުކުމެވަޑައިގަތީ، ރީހެބް ޓްރީޓްމަންޓް ފުރިހަމަކުރުމަށްފަހު، 2005 ވަނަ އަހަރުގެ ޖޫންމަހުގައެވެ. ހިތި ތަޖުރިބާތަކެއް ކުރައްވަން ޖެހުނު ޖެހުން ދެން ތަކުރާރުވިޔަނުދިނުމަށް އޮތް ހަމައެކަނި ގޮތަކީ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި ހިލޭސާބަހަށް މަސައްކަތް ކުރެއްވުންކަން އަމިއްލަފުޅަށް ގަބޫލުކުރައްވައި، މި ދާއިރާގައި ޚިދުމަތް ކުރައްވަން އޭނާ ފެށްޓެވީއެވެ. އެގޮތުން، އެކި ދާއިރާތަކުން ދަރުމަޔަށް އިންސާނީ ޚިދުމަތް ފޯރުކޮށްދެއްވުމުގައި، މިއަދު ޢަދީލަކީ ނަމޫނާ ބޭފުޅެކެވެ.

ރީހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރެއްވުމަށްފަހު، ޢަދީލް ފުރަތަމަ ޚިދުމަތް ފޯރުވައިދެއްވީ، ރާއްޖޭގައި ހުންނަ ޔޫ.އެން. ޖަމުޢިއްޔާއަށެވެ. އެއީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް އަމާޒު ކުރައްވައިގެން އެތަނުން ހިންގެވި ޕްރޮގްރާމްގައި، މަސްތުވާތަކެތީގެ ޝިކާރައިން ކުޑަކުދިންނާއި، އެކުދިންގެ ޢާއިލާ ސަލާމަތްކުރުމަށް އެހީތެރިވެދެއްވުމުގައެވެ. މި ޚިދުމަތުގެ ތެރޭގައި، ދަރުމަޔަށް ގިނަ މަސައްކަތްތަކެއް، ކުރީގެ ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާ ގުޅިގެން ރީހެބް ސެންޓަރުތަކަށް ކޮށްދެއްވިއެވެ. އަދި ކޮމިއުނިޓީ ޕްރޮގްރާމްތަކުގަޔާއި، މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްތަކުގައިވެސް ޢަދީލް އެހީތެރިވެދެއްވިއެވެ. ހަމައެހެންމެ، ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު އޮތް މިންވަރު ދެނެގަތުމަށާއި، އެޗް.އައި.ވީ.އާ ބެހޭގޮތުން ކުރެވުނު ދިރާސާ ފަރުމާކުރުމުގައި ފަންނީ އެހީތެރިކަން ފޯރުވައިދެއްވާފައިވެއެވެ. އަދި ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު އެންމެފުޅާ ކެމްޕެއިން ފަރުމާކުރައްވައި، އެކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ދެއްވާފައިވެއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށްވެސް ގިނަ ޚިދުމަތްތަކެއް ޢަދީލްވަނީ ކޮށްދެއްވާފައެވެ. މިގޮތުން ރާއްޖޭގައި ބްރިޓިޝް ރެޑްކްރޮސް ހަރަކާތްތެރިވިއިރު، 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމަޔަށް، ރާއްޖޭގައި ގިނަ ރަށްތަކަކަށް ޢަދީލް ޒިޔާރަތް ކުރައްވައި، އެކި ޚިދުމަތްތައް ފޯރުވައިދެއްވާފައިވެއެވެ. ޢަދީލަށް ލިބިވަޑައިގަންނަވާ ހުރިހާ ހުސް ވަގުތެއް ހޭދަކުރައްވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި އެކި ރަށްރަށުގައި ތިބި ޒުވާނުންނާއި، އަދި އެ ރަށްރަށުގައި ދިރިއުޅޭ ޒުވާން ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށެވެ. ޢަދީލްގެ ތަޖުރިބާއިން ކަންކަން ވެގެންދިޔަގޮތް އެކުދިންނަށް ސާފުކޮށްދެއްވަމުން ގެންދަވާފައިވެއެވެ. މިގޮތުން، އޭނާ ޒިޔާރަތް ކުރެއްވި ކޮންމެ ރަށެއްގައި، ޢަދީލް އޭނާގެ އަމިއްލަ ޢާއިލާއާ ވަކިން އެ ރަށްރަށުގައި ދިރިއުޅުއްވައި، ރަށްރަށުގެ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވެއެވެ.

2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް، ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިރާއިންވެސް ޢަދީލްގެ ޚިދުމަތް ދަނީ ލިބެމުންނެވެ. މިހާރު ޢަދީލް ވަޒީފާ އަދާކުރައްވަނީ ދިވެހި ރެޑްކްރެސެންޓްގައެވެ. ދިވެހި ރެޑްކްރެސެންޓްގައި، މި ދާއިރާއިން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި އެކިއެކި ތަމްރީނުތައް ހާސިލު ކުރެއްވުމަށްފަހު، ގިނަ ޚިދުމަތްތަކެއް ރާއްޖޭގެ ބައެއް ރަށްރަށަށް ފޯރުވައިދެއްވާފައިވެއެވެ. މީގެއިތުރުން، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ޤައުމީ ފެންވަރުގައި ހިންގަވާފައިވާ [ކާރިސީ ހިރާސް] ކުޑަކުރުމުގެ ޕްލޭންތައް ފަރުމާކުރެއްވުމުގަޔާއި، ސްކޫލްތަކަށް ޚާއްޞަކޮށްގެން ސްކޫލް އިމަރޖެންސީ އޮޕަރޭޝަން ޕްރޮސީޖަރ ތައްޔާރުކުރެއްވުމުގައި ފަންނީ އެހީތެރިކަން ދެއްވަމުން ގެންދަވާފައިވެއެވެ. އަދި ހޮސްޕިޓަލްތަކުގެ އިމަރޖެންސީ ޕްލޭންތައް ހެއްދެވުމާއި، އެކަމާ ގުޅުންހުރި ބިލްތައް ފަރުމާކުރެއްވުމުގައި އެހީތެރިކަން ފޯރުވައިދެއްވާފައި ވެއެވެ.

ހިލޭސާބަހަށް މަސައްކަތް ކުރެއްވުމުގެ ރޮނގުން މިހާރަށްވުރެ ބޮޑަށް ޚިދުމަތްތައް ފުޅާކުރައްވައި، މުޖުތަމަޢު ބަލައިގަންނަ އަދި އިޖުތިމާޢީ ޚިދުމަތްތެރިއެއްގެ ގޮތުގައި، މާތްﷲގެ މިންވަރުފުޅާއި އެކަލާނގެ މަދަދާއެކު، ދެމިހުންނެވުމަކީ ޢަދީލްގެ އަބަދުގެވެސް އުންމީދެވެ.