އަލްމަރްޙޫމް މުޙަންމަދު ޒާހިދުގެ ހަނދާނަށް

                އަލްމަރްޙޫމް މުޙަންމަދު ޒާހިދު، މިޔުޒިކުގެ ދާއިރާއަށް ވެދެވަޑައިގަތީ، 1966 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ލީޑް ގިޓަރެސްޓެއްގެ ގޮތުގައި ސްޓޭޖަށް ނުކުމެވަޑައިގަތީ، ދެވަނަ ޖުމްހޫރިއްޔަތާ ގުޅިގެން އޭރުގެ ހަކުރާގޭގައި ހުޅުވި ކާނިވަލުގައެވެ. ޒާހިދުވަނީ، ރާއްޖޭގެ މަޝްހޫރު މިޔުޒިކް ބޭންޑްތަކުގައި މިޔުޒިކް ކުޅުއްވާފައެވެ. އަދި ޒާހިދަކީ، ރާއްޖޭގެ މިޔުޒިކް، ޒަމާނާ އެއްގޮތަށް ބަދަލުކުރެއްވުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ބައެއް މިޔުޒިކް ގްރޫޕްތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ރާއްޖޭގައި މަޝްހޫރުވެގެންދިޔަ "ޓްވެންޓިއަތު ސެންޗަރީ ބީސީ" އުފެއްދެވީވެސް ޒާހިދެވެ. އެ ބޭންޑް ހިންގެވި ދުވަސްވަރު، ގިނަ ބަޔަކަށް މިޔުޒިކް ދަސްކޮށްދެއްވައި، މިޔުޒިކުގެ ދުނިޔެއަށް ނެރުއްވާފައިވެއެވެ. އޭގެފަހުން، "ނޭބަރސް" ގެ ނަމުގައިވެސް މިޔުޒިކް ގްރޫޕެއް އުފައްދަވައި ހިންގަވައިފައިވެއެވެ.

                އަލްމަރްޙޫމް މުޙަންމަދު ޒާހިދަކީ، ރާގާއި ލަވަވެސް ހައްދަވާފައިވާ ބޭފުޅެކެވެ. މިޔުޒކް ޝޯރޫމެއް ހައްދަވައި، މިޔުޒިކުގެ ތަފާތު ސާމާނު ތަޢާރުފު ކުރެއްވުމުގެ މަސައްކަތާއި، މިޔުޒިކް ކުރިއެރުވުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

                މިޔުޒިކުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1992 ގައި، އަލްމަރްޙޫމް މުޙަންމަދު ޒާހިދަށް ލިބިވަޑައިގެންފައިވެއެވެ.