އަލްފާޟިލް މުޙައްމަދު ޢުމަރުމަނިކު
މ.ރުއްކަރަ

         ފަތުރުވެރިކަމުގެ ދާއިރާއަށް މުޙަންމަދު ޢުމަރު މަނިކު ވެދެވަޑައިގަތީ، 1972ގެ ކުރީކޮޅުގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީ، މުޙަންމަދު ޢުމަރު މަނިކުވެސް ބައިވެރިވެވަޑައިގެން، 1972ގައި އުފެއްދެވި އޭޖެންސީއެކެވެ.

         މާލެއަތޮޅު ވިހަމަނާފުށީގައި ހުޅުވުނު 30 ކޮޓަރީގެ ޓޫރިސްޓް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިޒޯޓެވެ.  މިރިޒޯޓް ޢިމާރާތްކުރެވުނީ، މުޙަންމަދު ޢުމަރުމަނިކުގެ ޚިޔާލާއި ލަފާގެ މަތިންނެވެ. މިހާރު މިރިޒޯޓުވަނީ، މިޒަމާނުގެ ފެންވަރަށް އަލުން ޢިމާރާތް ކުރައްވާފައެވެ. މިރިޒޯޓަކީ، ރާއްޖޭގައި ފުރަތަމަ ހުޅުވުނު ފަސްތަރީގެ ރިޒޯޓެވެ. މިރިޒޯޓު ހިންގަނީ، މުޙަންމަދު ޢުމަރުމަނިކުގެ ޗެއަރމަން ކަމުގެ ދަށުން ހިންގަވާ ޔުނިވަރސަލް އެންޓަރޕްރައިސަސް ޕްރައިވެޓް ލިޓެޑުންނެވެ. އެ ކުންފުނިން 8 ޓޫރިސްޓް ރިޒޯޓް ހިންގައެވެ. އެރިޒޯޓުތަކުގައި 1680 އެނދު އެބަހުއްޓެވެ. 

         ޔުނިވަރސަލް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަކީ، މަތިންދާބޯޓު ޗާޓަރުކޮށްގެން ޔޫރަޕާއި އޭޝިޔާއާއި، މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުންގެންދާ  ކުންފުންޏެކެވެ. އަދި ސަފާރީ އުޅަނދުފަހަރުގައި ފަތުރުވެރިން ބޭތިއްބުމުގެ މަސައްކަތްވެސް މިކުންފުނިން ކުރެއެވެ. 

         މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކޮށް، އެ ދާއިރާގެ އަމާޒާއި މިޞްރާބު ރަނގަޅުކޮށް، ކުރިމަގުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމުގެ މަޤްޞަދުގައި، މުޙަންމަދު ޢުމަރުމަނިކު އިސްނަންގަވައިގެން 1992 ގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވިއެވެ. 

        މުޙަންމަދު ޢުމަރުމަނިކަށް، މިރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު، 1982ގައި ލިބިވަޑައިގެންފައިވެއެވެ. އަދި މީގެއިތުރުން މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.