އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފު
މއ. ޗަމްޕާވިލާ

            ޙުސައިން ޢަފީފަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގެ މަސައްކަތުގައި ވަރަށް މުހިންމު ޙިއްޞާއެއް ވެދެއްވާފައިވާ ބޭފުޅެކެވެ. 1972 ގައި ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިންގެ ގްރޫޕް ރާއްޖެއަށް ގެންނެވުމުގައި މުހިންމު ދައުރެއް ޢަފީފް އަދާކުރައްވާފައިވެއެވެ. އެމީހުން ރާއްޖޭގައި ތިބިއިރު އެމީހުންގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ޢަފީފެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފު ކުރައްވައި ތަރައްޤީ ކުރެއްވުމުގެ ގޮތުން ޢަފީފްވެސް ބައިވެރިވެވަޑައިގެން އުފެއްދެވި "މިއުމަން ޓުއަރިސްޓް އޭޖެންސީ" އަކީ، ރާއްޖޭގައި ފުރަތަމަ އުފެއްދެވި ޓޫރިސްޓް އޭޖެންސީއެވެ.

            ޢަފީފަކީ، ރާއްޖޭގައި ފުރަތަމަ ހުޅުވުނު "ކުރުނބާވިލެޖް" ޓޫރިސްޓް ރިޒޯޓު ހެދުމުގެ މަސައްކަތުގައި އުޅުއްވައިފައިވާ، އަދި އެ ރިޒޯޓުގެ ފުރަތަމަ ޖެނެރަލް މެނޭޖަރުވެސްމެއެވެ. ސަފާރީ އުޅަނދުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައިވެސް ޢަފީފް ވަނީ، އިސް ދައުރެއް އަދާކުރައްވައިފައެވެ.

            ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗޭން "ހިލްޓަން ރިޒޯޓްސް" ރާއްޖެއަށް ތަޢާރުފު ކޮށްދެއްވައި، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވުމަށް މަގުފަހިވެގެން ގޮސްފައި ވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ "ޗަމްޕާ ޓްރޭޑް އެންޑް ޓްރެވަލްސް" އާއި، "ކްރައުން ކޮމްޕެނީ" އާއި، "ވޮއެޖަސް މޯލްޑިވްސް" އާއި، "ކާސާ ހޯލްޑިންގްސް" މި ހަތަރު ކުންފުނީގަައި ޢަފީފް ބައިވެރިވެވަޑަައިގެންފައި ވެއެވެ. ރާއްޖޭގެ އިތުރުން، ނޯވޭއާއި، ސޭޝެލްސްގައިވެސް ޢަފީފް ހިންގަވާ ރިޒޯޓުތައް އެބަހުއްޓެވެ.

            ޢަފީފަކީ، ރާއްޖެއިން ބޭރުގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދެއްވައި، ޔޫރަޕުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްމެއެވެ.

            ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި "ޑިޝްޓިންގުއިޝްޑް ސަރވިސް އެވޯޑް" އާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި ދެއްވި "އަައުޓްސްޓޭންޑިންގ ސަރވިސް އެވޯޑް" އާއި، މެދުނުކެނޑި 25 އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑް، ޢަފީފަށް ލިބިވަޑައިގެންފައި ވެއެވެ.

            ޙުސައިން ޢަފީފަށް މި ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑއިގަތީ 1989 ވަނަ އަހަރުއެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ޢަފީފަށް ލިބިވަޑައިގެންފައި ވެއެވެ.