ލެފްޓެނަންޓް މުޙައްމަދު ޝުހައިލް
ހ.އަލިނަރުމާގެ

   މުޙައްމަދު ޝުހައިލަކީ، މަދްރަސީ ދައުރުން ފެށިގެން ލަވަ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ލަވަ އަލްބަމްތަކަށާއި، ކޮޕްސް ބޭންޑްގައި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވަވާ ޝޯތަކުގައި ލަވަ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ޝުހައިލް ބޮޑަށް އިސްކަން ދެއްވަނީ، އަމިއްލަ ރާގު އުފެއްދެވުމަށާއި، އަމިއްލަ ރާގަށް ލަވަ ވިދާޅުވުމަށެވެ. މިގޮތުން މިހާތަނަށް 75 އަމިއްލަ ރާގު އުފައްދަވައި، ލަވަ އަލްބަމްތަކަށާއި، އެކިއެކި މުނާސަބަތުތަކުގައި 200 އަށްވުރެ ގިނަ ލަވަ ވިދާޅުވެދެއްވާފައިވެއެވެ. މީގެތެރޭގައި، ސިފައިންގެއިން ތައްޔާރުކުރާ ޤައުމީ ލަވަ ސީޑީއަށް ވިދާޅުވެފައިވާ ލަވަތަކާއި، އެކިއެކި މުނާސަބަތުތަކަށް އަމިއްލަ ރާގު އުފައްދަވައިގެން ވިދާޅުވެދެއްވާފައިވާ ލަވަތައް ހިމެނެއެވެ. ޝުހައިލްގެ އަމިއްލަ ދެ ލަވަ އަލްބަމްވެސްވަނީ ނެރުއްވާފައެވެ. މީގެތެރޭގައި ޝުހައިލް އުފައްދަވާފައިވާ ރާގު ހިމެނޭ އަލްބަމެއް ހިމެނެއެވެ.

   ޝުހައިލަކީ، ލަވަމުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން 1995 ން ފެށިގެން ވޭތުވެދިޔަ 11 އަހަރު ދުވަހު ޓީވީ. މޯލްޑިވްސް އިން ބޭއްވެވި ލަވަމުބާރާތްތަކަށް އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް ހިލޭސާބަހަށް ލަވަކިޔަން ދަސްކޮށްދެއްވާފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އަމީނިއްޔާ ހޯދާފައިވާ ކާމިޔާބީތަކުގައި ޝުހައިލްގެ ހިއްސާ އެކުލެވިފައިވެއެވެ.