އަލްފާޟިލް އަޙްމަދު ފަޞީޙު
ހ.އިސްދޫ

މި ދާއިރާއިން އަޙްމަދު ފަޞީޙު ފުރަތަމަ ފެނިގެންދިޔައީ، މަދްރަސީ ދައުރުގައި، މަޖީދިއްޔާ ސްކޫލްގެ ކޮންސެޓްތަކާއި، މިޔުޒިކް ފެސްޓިވަލުތަކާއި، އަހަރީ ޝޯތަކުންނެވެ. ދިވެހި ޤައުމީ ޓީ.ވީ އިން ދައްކާފައިވާ [ރިދަމް އޮފް ވޭވްސް] މި ލަވައަކީ، މީނާ ފުރަތަމަ އުފެއްދެވި ދިވެހި އިނގިރޭސި މިއުޒިކް ވީޑިއޯއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމު ކުރައްވައިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ޢާންމުކޮށް ބޭއްވުނު މިޔުޒިކް ފެސްޓިވަލް [ޓްރެކް] ރާއްވަވައި ހިންގަވައި، އެ ފެސްޓިވަލްގައި، ލީޑް ގިޓަރިސްޓެއްގެ ގޮތުންނާއި، ލަވަކިޔުންތެރިއެއްގެ ގޮތުން މީނާވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.

އަޙްމަދު ފަޞީޙު ވަނީ ރާއްޖެއިން ބޭރުގައިވެސް ގިނަގުނަ ކާމިޔާބީތަކެއް މިރޮނގުން ހާސިލުކުރައްވާފައެވެ. މީގެތެރޭގައި، މިއަހަރު އިނގިރޭސިވިލާތުގައި ބޭއްވުނު [އެމަރގެންޒާ] މިޔުޒިކް ޝޯގެ ފުރަތަމަ ބުރުން ސެމީފައިނަލަށް ހޮވި، ދެވަނަބުރުން ފައިނަލަށް ހޮވި އެ ޝޯގެ އެންމެމޮޅު 5 ބޭންޑުގެ ތެރޭގައި މީނާގެ ބޭންޑު ހިމެނިފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ [ބެސްޓް އަން ސައިންޑް ގިޓަރިސްޓް]ގެ މަގާމުވެސް މީނާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، 2000 ވަނަ އަހަރު އިންޑިޔާގައި ބޭއްވި ޔުނެސްކޯ ކޮންފަރެންސްގައި، ވަރލްޑް އޮކެސްޓްރާރގައި ބޭސް ގިޓަރިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވުމާއި، ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، މިޔުޒިކް އުފެއްދުމުގެ ރޮނގުން މެލޭޝިޔާގައި މަޝްހޫރު އެކިއެކި ފަރާތްތަކާއެކު ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައި، މި ދާއިރާއިން ރާއްޖެއަށް އެތައް ރީތި ނަންތަކެއް ހޯއްދަވައިދެއްވުން ހިމެނެއެވެ. މިހާތަނަށް މީނާވަނީ، އަމިއްލަ ތިން އަލްބަމެއްގެ މަސައްކަތް ކުރައްވާފައެވެ. މިޔުޒިކް ކުޅުއްވުމާއި، ރެކޯޑު ކުރެއްވުމާއި، ޕްރޮޑިއުސް ކުރެއްވުމުގެ އިތުރުން، މިޔުޒިކް ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް މީނާ ކުރައްވައެވެ.