އަލްފާޟިލް ޔާސީން ޙަމީދު
ހ.މީނާޒް

       ފޮޓޯ ނެންގެވުމުގެ މަސައްކަތް ޔާސީން ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. އޭރުވެސް ސްކޫލްގެ އެކި ޙަފްލާތަކުގެ ފޮޓޯ ނެންގެވިއެވެ. މަދްރަސީ ދައުރުނިމި، ސަރުކާރުގެ ވަޒީފާ އަދާކުރެއްވިއިރު، މުހިންމު ޖަލްސާތަކާއި، ރަސްމިއްޔާތުތަކާއި، ޤައުމީ މުނާސަބަތުތަކުގެ ފޮޓޯ ރާއްޖޭގައާއި ރާއްޖޭން ބޭރުގައި ނަންގަވާފައިވެއެވެ.

       އާންމުންގެ ގިނަބަޔަކަށް ފޮޓޯގެ ޚިދްމަތް ދެއްވުމުގެ ގޮތުން 1997 ގައި "އެފް އެއިޓް ޕްރޮފެޝަނަލް ފޮޓޮގްރަފީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ފޮޓޮގްރަފީގެ ޚިދްމަތް ފުޅާ ދާއިރާއެއްގައި ދެއްވަން ފެށްޓެވިއެވެ. ފޮޓޮގްރަފީގެ ދާއިރާއިން ޒުވާނުންނަށް ތަމްރީނު ދެއްވައި ވަޒީފާގެ ފުރުސަތުވެސް ހޯއްދަވައިދެއްވައެވެ. އެ ކުންފުނީގެ ދަށުން "ދަ ޕޯޓްރެއިޓް ގެލެރީ"ގެ ނަމުގައި ސްޓޫޑިއޯއެއް ޤާއިމްކުރައްވައި، އެތަނުން ގިނަބަޔަކަށް ސްޓޫޑިއޯ ފޮޓޯގެ ޚިދްމަތް ދެއްވަން ފެށްޓެވިއެވެ.

     ރާއްޖެއާއި ރާއްޖޭން ބޭރުގެ ރިޒޯޓްތަކަށާއި، ހޮޓާތަކަށާއި، ވެބްސައިޓްތަކަށާއި، އެކިއެކި އިޝްތިހާރުތަކަށާއި، ބްރޯޝަރތަކަށް ބޭނުންވާ ޚާއްޞަ ފޮޓޯ، ޔާސީން ނަންގަވައިދެއްވައެވެ. މީގެއިތުރުން، ސްޓޮކް ފޮޓޯގްރަފީގެ މަސައްކަތްވެސް ޔާސީން ކުރައްވައެވެ. މިގޮތުން "އިމޭޖް ވޯލްޓް"ގެ ނަމުގައި ފޮޓޯ ލައިބްރަރީއެއް ވަނީ އުފައްދަވާފައެވެ. ރާއްޖޭގެ ވެށްޓާއި، ރާއްޖޭގެ މީހުންގެ ދިރިއުޅުން ދައްކައިދޭ ފޮޓޯއާއި، ތާރީޚީ އަދި އާސާރީ ތަންތަނުގެ ފޮޓޯއާއި، ޤައުމީ މުނާސަބަތުތަކުގެ ފޮޓޯއާއި، މުހިންމު ބައެއް ބޭބޭފުޅުންގެ ފޮޓޯ، އެ ލައިބްރަރީން ލިބެއެވެ.