އަލްފާޟިލް ސަޢީދު ޙުސައިން
ހ.ރީތިގަސްދޮށުގެ

        ސަޢީދު ޙުސައިން، ފެހުމުގެ މަސައްކަތް ފެށްޓެވީ، މީގެ 37 އަހަރު ކުރިންނެވެ. ފިރިހެނުން އާންމުކޮން ލައިއުޅޭ ހުރިހާ ވައްތަރެއްގެ ހެދުމެއް ސަޢީދު ފައްސަވައެވެ.

        ފެހުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވައި، އިތުރު މީހުންނަށް ވަޒީފާ ދެއްވައިގެންވެސް މަސައްކަތް ކުރައްވައެވެ. ބައެއް ރިޒޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ޓޫރިސްޓުންނަށް ބޭނުންވާ ބައެއްކަހަލަ ހެދުންތައް ފައްސަވައި، އެ ފިހާރަތަކަށް ފޮނުއްވައެވެ.

       ސަޢީދު މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވާ މަސައްކަތަކީ، ކަނޑުމަތީ އުޅަނދުފަހަރުގެ ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތެވެ. ސަރުކާރުން ގަބޫލުކުރައްވާ މިންގަނޑަށް ސަޢީދު  މިމަސައްކަތް ކުރައްވައެވެ. ރާއްޖެއިން ބޭރުން ގެންނަ ލައިފްޖެކެޓަށްވުރެ، ސަޢީދު ފައްސަވާ "ރީތި ލައިފްޖެކެޓް" އަގުހެޔޮވުމުގެ ސަބަބުން، އެތަކެތި ގަންނަ ފަރާތްތަކުގެ މަޤްބޫލުކަން ލިބިފައިވެއެވެ. މިމަސައްކަތްވެސް ސަޢީދު ކުރައްވާތާ 15 ވަރަކަށް އަހަރު ވެއްޖެއެވެ.

       ފެހުމުގެ މަސައްކަތުގައި ސަޢީދަށް ލިބިވަޑައިގެންފައިވާ ހުނަރެއްގެ ސަބަބުން، މިން ނެގުމެއްނެތި، މީހާ ބަލައިލުމަށްފަހު އެމީހަކަށް ހެޔޮވަރަށް، ގަމީސް ފައްސަވައެވެ.