ޑޮކްޓަރ ފާޠިމަތު މުނާ
ސަނޯރާމާގެ އދ. މަހިބަދޫ

މި އިނާމު މި އެރުވެނީ، ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި ގިނަ އާޓިކަލްތަކެއް، ބައިނަލްއަޤުވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ފާޠިމަތު މުނާގެ ޕީ.އެޗް.ޑީ. ތީސިސް ބިނާކުރައްވައިފައިވަނީ، ބްރޫނާއީ ދާރުއްސަލާމުގެ ސަރުކާރުގެ ޘާނަވީ ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން، ކްލާސްރޫމްގެ ތެރޭގައި މުދައްރިސުންނަށް ކުރިމަތިކުރުވާ އަޚްލާޤީ މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް މުދައްރިސުން ގެންގުޅޭ އުކުޅުތަކާއި، ކުރާ އަސަރުތައް ދެނެގަތުމުގެ މައްޗަށެވެ. މީގެ އިތުރުން، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ޙައްލުކުރުމަށް މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން މި ދިރާސާގައި ބަލައިފައިވެއެވެ.

މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި ބްރޫނާއީ ސަރުކާރުގެ ޘާނަވީ ތިން ސްކޫލަކުން، ހަ މުދައްރިސެއްގެ މެދުގައި ދެ ފަހަރެއްގެ މަތިން އިންޓަރވިޔުކޮށް، 72 އޮބްޒަރވޭޝަން ކުރިޔަށް ގެންދިޔައެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، ކްލާސްރޫމްގެ ތެރޭގައި ދަރިވަރުންގެ އަޚްލާޤީ ތަފާތު އެކި މައްސަލަތައް ހިނގާކަމާއި، މިކަންކަން ޙައްލުކުރުމަށް މުދައްރިސުން އެކި ވައްތަރުގެ އުކުޅުތައް ބޭނުންކުރާކަން އެނގިގެން ދިޔައެވެ. ހަމައެއާއެކު، މިކަމުގެ ސަބަބުން އަޚްލާޤީ މައްސަލަ ހުރި ދަރިވަރުންނަށާއި، ގުޅުންހުރި އެހެންފަރާތްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާކަން މި ދިރާސާގެ މުހިންމު ހޯދުމެއްގެ ގޮތުގައި އެނގިގެން ދިޔައެވެ. އަދި، މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި މުދައްރިސުންގެ ތަމްރީނު ޕުރޮގްރާމުތަކުގެ ތެރޭގައި، މި މައްސަލަތައް ޙައްލުކުރާނެގޮތްތައް ހިމަނައިގެން ކުރިޔަށް ގެންދިޔުމާއެކު، ސްކޫލް ލީޑަރާއި، ސީނިއަރ މެނޭޖްމަންޓުގެ އެހީތެރިކަން މުހިންމުކަން ފާހަގަވެގެންދިޔައެވެ. އަދި ޒަމާނަށް އައި ބަދަލާއެކު ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ތަފާތުވެފައިވާތީ، މައްސަލަތައް ޙައްލުކުރުމަށް އައު އުކުޅުތަކެއް ބޭނުންވާކަން މި ދިރާސާއިން ހާމަވެގެން ދިޔައެވެ.

ޑޮކްޓަރ ފާޠިމަތު މުނާ، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވި އާޓިކަލްތައް، ސްކޯޕަސް އިންޑެކްސް ކުރެވިފައިވާ ޖަރނަލްތަކުގައްޔާއި، އިންޓަރނޭޝަނަލް ރެފްރީޑް ޖަރނަލްތަކުގައިވަނީ، ޝާއިޢުކޮށްފައެވެ. ޑޮކްޓަރ ފާޠިމަތު މުނާއަކީ، ޢަމަލީގޮތުން ދިރާސާތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޑޮކްޓަރ މުނާއަކީ، ޔުނައިޓެޑް ނޭޝަންސްއިން ފަންޑުކޮށްގެން ކުރިޔަށް ގެންދިޔަ ދިރާސާއަކާއި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސަރޗް ސެންޓަރ (އައި.ޑީ.އާރު.ސީ.) އިން ކުރިއަށްގެންދާ ދިރާސާއެއްގެ ޓީމުގެ މެންބަރެއްވެސް މެއެވެ. ޑޮކްޓަރ ފާޠިމަތު މުނާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ، ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ލެކްޗަރަރއެއްގެ މަގާމުގައެވެ.