ޑޮކްޓަރ ޢާއިޝަތު ޝަފިނާ
ގ. މަންބަޢު

 މި އިނާމު މި އެރުވެނީ ސްރީލަންކާގެ ޕެރަދެނިޔާ ޔުނިވަރސިޓީއިން 2019 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯސިއޮލޮޖީ  ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި އާޓިކަލްތައް، ބައިނަލްއަޤުވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ. 

 
ޑޮކްޓަރ ޝަފިނާގެ ޕީ.އެޗް.ޑީ ތީސިސް ބިނާކުރައްވައިފައިވަނީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގްރާމުތަކުގައި ބައިވެރިވުމާއި، އެ ޕުރޮގްރާމުތަކުގައި ދެމިހުރުމާއި، އެ ޕުރޮގްރާމުތައް ނިންމުމުގައި މިންތީގެ ފަރަޤު އޮތް މިންވަރުގެ މައްޗަށެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން 350 ދަރިވަރުން ހިމެނޭގޮތަށް ސަރވޭއެއްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވައިލެވުނު ބައިވެރިންގެ ދިރިއުޅުމުގެ އެކި މަރުޙަލާތަކާ ގުޅޭ ކޭސް ސްޓަޑީތަކުން މަޢުލޫމާތު އެއްކުރުމުގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ތަމްސީލުކުރާ ފަރާތްތަކާއި، ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ވަނީ އިންޓަރވިޔު ކޮށްފައެވެ. 
 
މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޒަމާނުއްސުރެ ރާއްޖޭގައި އޮތް ސަގާފަތާއި އާދަކާދައާއި، ގަބޫލުކުރުންތަކަކީ، މިންތީގެ ތަފާތުކުރުން ގިނަ، ވަކި ޖިންސަކަށް ނިސްބަތްވީތީ، މުޖުތަމަޢުގައި ވަކި ދައުރެއް އަދާކުރުމުގެ މައްޗަށް ބިނާވެފައިވާ ގަބޫލުކުރުންތަކެކެވެ. ތިމާ ނިސްބަތްވާ އާއިލާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަމާއި، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ފަރުދީގޮތުން ދިމާވާ ކަންކަމާއި، ތިމާ ދިރިއުޅޭ މާޙައުލަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ އަސަރު، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގެ އެކި މަރުޙަލާތަކަށް ކުރަނީ އެކި މިންވަރަށް އެކި ގޮތްގޮތަށްކަން، މި ދިރާސާއިން ހާމަކޮށްދެއެވެ. މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި، ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ދިރާސާގެ އަލީގައިވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ.
 
ޑޮކްޓަރ ޢާއިޝަތު ޝަފިނާ ވަނީ ތަޢުލީމު ހާސިލުކުރެއްވި ދާއިރާއާ ގުޅޭ މާއްދާތަކުން ކިޔަވައިދެއްވާ، ތަފާތު 8 ޕުރޮގްރާމެއްގެ 152 މާއްދާގެ މުޤައްރަރު އެކުލަވައިލައްވައި، މި ދާއިރާއިން އެކި ދިރާސާތައް ކުރި 60 ދަރިވަރެއްގެ ރިސަރޗް ސުޕަވައިޒް ކޮށްދެއްވައިފައެވެ. މީގެ އިތުރުން، ޢަމަލީގޮތުން އިޖުތިމާޢީ ޚިދުމަތުގައި ދެމިހުރެ، ޢިލްމީ ދިރާސާތައްވެސް ކުރައްވަމުން ގެންދަވައެވެ. ޢަމަލީ ތަޖުރިބާއާއި ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ސީނިއަރ ސޯޝަލް ޕޮލިސީ އެނަލިސްޓްގެ މަގާމުގައި ހުންނަވައިގެންނެވެ.