އަލްފާޟިލް މުޙައްމަދު ޖައުޝަން ޝަރީފް
މ. ސެންޑްރޯސް

މުޙައްމަދު ޖައުޝަން ޝަރީފަކީ، 2007 ވަނަ އަހަރުން ފެށިގެން، ޤައުމީ ފެންވަރުގައި، ކުޅިވަރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ޖައުޝަންގެ ޚިދުމަތް ރާއްޖޭގައި ހިންގާ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޖައުޝަން ވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޕުރޮގްރާމު ކޯޑިނޭޓަރ ކަމާއި، އެ އިދާރާގެ ލީގަލް ރިޓެއިނަރ ކަމާއި، ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓެރީ ކަމާއި، މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒިންގ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވައިފައެވެ.

ކުޅިވަރުގެ ދާއިރާއިން ޖައުޝަންގެ ޚިދުމަތް އެންމެބޮޑަށް ފާހަގަ ކުރެވެނީ، ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުޅުންތެރިންނާއި، ކުޅިވަރު މުއައްސަސާތަކަށް، ކުޅިވަރުގައި ދިމާވާ ޤާނޫނީ އެކިއެކި ކަންކަމުގައި ލަފަޔާއި އިރުޝާދު ދެއްވަމުންގެންދަވާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. މިރޮނގުން ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، އެކިއެކި އެސޯސިއޭޝަންތަކަށް ޤާނޫނީ ލަފާ ދިނުމާއި، ޤާނޫނީ ގޮތުން އެ އެސޯސިއޭޝަންތައް މަދަނީ މިންގަނޑުގެ ތެރޭގައްޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ތަމްސީލު ކުރެއްވުމާއި، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތައް އެކުލަވައިލެއްވުމާއި، އެފަދަ ގަވާއިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކޮށްދެއްވުމުގެ އިތުރުން، ކުޅިވަރުގެ ޤައުމީ މަޖިލީހާއި، ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ޤާނޫނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ.

މި ދާއިރާއިން މީހުން ބިނާކުރެއްވުމުގައި، ކުޅިވަރާއި ތަޢުލީމު އަދި ވަކިން ޚާއްޞަކޮށް، ކުޅިވަރާ ގުޅޭ ޤާނޫނީ ކަންކަމުގައި ޖައުޝަން ގެންދަވަނީ، ޤައުމީ ފެންވަރުގައްޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު އެކިއެކި ކޯސްތަކާއި ޕުރޮގްރާމުތަކުގައި ކިޔަވައި ދެއްވަމުންނެވެ.

ޖައުޝަންއަކީ، ރާއްޖޭގެ އިތުރުން، ރާއްޖެއިން ބޭރުގައި، ކުޅިވަރާބެހޭ އެކިއެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ދިވެހިރާއްޖެއިން އޭ.އެފް.ސީ. އަށް ކަނޑައަޅައިފައިވާ އިންޓެގްރިޓީ އޮފިސަރުކަމާއި، ފީފާގެ އިންޓެގްރިޓީ ޓީމުގެ މެންބަރުކަން ހިމެނެއެވެ. މީގެއިތުރުން، ޖައުޝަން ވަނީ، އެފް.އޭ.އެމް.ގެ ލީގަލް ޑައިރެކްޓަރުގެ މަގާމަށާއި، ކުޅިވަރުގައި މަނާބޭސް ބޭނުން ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ މައި އިދާރާ، ވަރލްޑް އެންޓި ޑޯޕިންގ އޭޖެންސީ (ވާޑާ)ގެ ފަރާތުން، އޭޝިއާ އާއި އޯޝޭނިއާ ބައްރަށް ކަނޑައަޅާ ސެންޓްރަލް ރިޒަލްޓްސް މެނޭޖްމަންޓް ޕެނަލްގެ ފަނޑިޔާރުންގެ ބެންޗަށް 4 އަހަރުގެ ދައުރަކަށް 2021 ވަނަ އަހަރު ޢައްޔަންކޮށްފައެވެ.

މުޙައްމަދު ޖައުޝަން ޝަރީފް ވަނީ، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން، ޕޮލިޓިކަލް ސައިންސް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމުގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަނުން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވައިފައެވެ. އަދި ހަމައެހެންމެ، 2021 ވަނަ އަހަރު ސްޕެއިންގެ ޔުނިވަރސިޓީ އޮފް ޔެއިޑާއިން މާސްޓަރސް އިން އިންޓަރނޭޝަނަލް ސްޕޯޓްސް ލޯ (އެލް.އެލް.އެމް.) ފުރިހަމަ ކުރައްވައިފައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޖައުޝަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ޖައުޝަންއަކީ، ކުޅިވަރު ކުޅުއްވަންވީ އުމުރުގައި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށާއި، މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވައި، މި ރޮނގުން ނަމޫނާ ދައްކަވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ.