އަލްފާޟިލް ފަހުދު ފާއިޒް
މ. ގްލެންވިލާ

ފަހުދު ފާއިޒަކީ، ފްރީޑައިވިންގގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން 2014 ވަނަ އަހަރުގެ ތެރޭގައި، މި ސަރަޙައްދުގެ އެންމެ ފުރަތަމަ އެޑްވާންސް، ފްރީޑައިވިންގ އިންސްޓްރަކްޓަރުކަން ހާސިލުކުރައްވައި، ދިވެހިރާއްޖެ ފްރީޑައިވިންގގެ ދާއިރާއަށް ތަޢާރުފު ކުރެއްވީ ފަހުދު ފާއިޒެވެ. ޕަޑީ ފްރީޑައިވިންގ އިންސްޓްރަކްޓަރ ޓްރެއިނަރ ކަމާއި، ރެއިޑް ފްރީޑައިވިންގ އިންސްޓްރަކްޓަރ ޓްރެއިނަރކަން ފުރަތަމަ ހާސިލު ކުރެއްވި ރާއްޖޭގެ ބޭފުޅަކީ ފަހުދު ފާއިޒެވެ. ފަހުދަކީ، ރާއްޖެ ތަމްސީލުކުރާ ވާރލްޑް އަންޑަރ ވޯޓަރ ފެޑެރޭޝަން (ސީމާސް)ގެ ފްރީ ޑައިވިންގ ކޮމިޝަންގެ ސްޕޯޓްސް ކޮމިޓީގެ މެންބަރެއްވެސް މެއެވެ.

އޭގެ ފަހުން، މި ދާއިރާއިން ގިނަ ކާމިޔާބީތަކެއް ފަހުދު ވަނީ ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވައިފައެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން، ދުނިޔޭގެ ރެކޯޑު ފޮތުގައި 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ ނަން ފަވައިލެވުނު "ނޭވާ"ގެ ހަރަކާތް، އިސްވެ ހުންނަވައިގެން ރާއްވަވައި ހިންގަވައިފައިވަނީ، ފަހުދު ފާއިޒެވެ. އަދި 2015 ވަނަ އަހަރު އެންޑަމަންސްގައި ބޭއްވުނު ފްރީޑައިވިންގ ޗެލެންޖުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވައި، ފިރިހެނުންގެ ބައިން ފަހުދު ފާއިޒް 3 ވަނަ ހޯއްދަވައިފައި ވެއެވެ. އަދި އެ ޗެލެންޖުގައި މުޅި މުބާރާތުން 6 ވަނަ ހޯއްދެވިއެވެ. 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ފްރީޑައިވް އައި.ޑީ.ސީ. ރާއްވަވައި ހިންގެވުމުގައި އިސްކޮށް ހުންނެވީ ފަހުދު ފާއިޒެވެ.

ޑައިވިންގގެ މި ދާއިރާއިން ޤައުމީ ރެކޯޑަށް ބަލާއިރު، ފަހުދު ވަނީ 3 ކެޓަގަރީއަކުން ކުރި ހޯއްދަވައިގެން، ޤައުމީ ރެކޯޑު ދަމަހައްޓަވައިފައެވެ. މީގެ އިތުރުން، ފްރީޑައިވިންގގެ މި ސަރަޙައްދުގެ ފުރަތަމަ ޖަޖުކަމާއި، ފްރީޑައިވިންގ ތަމްރީނުކޮށްދޭ ފުރަތަމަ އިންސްޓްރަކްޓަރުކަން ފަހުދު ފާއިޒަށް ލިބިވަޑައިގަތުމަކީ، ފަހުދު ފާއިޒަށާއި، ދިވެހިރާއްޖެއަށްވެސް ލިބުނު ކާމިޔާބީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ދާއިރާއިން ފަހުދު ހޯއްދަވައިދެއްވައިފައި ވަނީ، ހަމައެކަނި ވަނަތަކެއް ނޫނެވެ. މި ދާއިރާ ތަރައްޤީކޮށް މި ދާއިރާއަށް މީހުން ޝައުޤުވެރިކުރުއްވުމުގައި ފަހުދަކީ، ނަމޫނާ ބޭފުޅެކެވެ. "ފްރީޑައިވް މޯލްޑިވްސް"ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފްރީޑައިވިންގ ސެންޓަރެއް އުފައްދަވައިގެން ގިނަ އަދަދެއްގެ ދިވެހީން ވަނީ، ފްރީޑައިވަރުންގެ ގޮތުގައި ތަމްރީނު ކޮށްދެއްވައިފައެވެ. މީގެ އިތުރުން، މި ދާއިރާއިން އާ ކަންތައްތައް ދިވެހިރާއްޖެއަށް ތަޢާރުފް ކުރައްވަމުންވެސް ގެންދަވައެވެ. އޭގެ ތެރޭގައި، ފްރީޑައިވިންގ އެސޯސިއޭޝަން އުފައްދަވައި، ފުރަތަމަ ފަހަރަށް ފްރީޑައިވިންގ ކުލަބެއް ދިވެހިރާއްޖޭގައި އުފައްދަވައި، މި ދާއިރާއިން ގިނަ އަދަދެއްގެ ޖަޖުން ތަމްރީނު ކުރެއްވުން ހިމެނެއެވެ.

ޑައިވިންގއަކީ ވަރަށް ރައްކާތެރި ފިޔަވަޅުތަކަކާއެކު، ކުރިއަށް ގެންދަންޖެހޭ މޫދު ކުޅިވަރަކަށްވާތީ، މިކަމަށް ފަހުދު ވަރަށްބޮޑު އިސްކަމެއް ދެއްވައެވެ. އަދި ޑައިވިންގގެ ރޮނގުން ކުދިންނާއި މީހުން ތަމްރީނު ކުރައްވަމުން ގެންދަވާއިރު، ފުރާނައަށް ނުރައްކާވެދާނެފަދަ ޙާލަތަކުން އަބަދުވެސް ރައްކާތެރިވެ ތިބުމަށް އިސްކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުއްވައިދެއްވައި، ވީހާވެސް ބޮޑަކަށް މިކަމުގެ ހޭލުންތެރިކަން އިތުރުކުރައްވަމުން ގެންދަވައެވެ.