މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ، 2010 ވަނަ އަހަރު، ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ އަނބިކަނބަލުން، އިލްހާމް ޙުސައިންގެ އިސްނެންގެވުމުގެ މަތިން، ދިވެހިރާއްޖޭގައި އޯޓިޒަމް ކުދިންނަށް ތަޢުލީމާއި ތަމްރީނު ދިނުމާއި، އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް ހިންގުމާއި، އޯޓިޒަމާ ގުޅޭ އެހެނިހެން ކަންކަން ކުރުމުގެ މަޤްޞަދުގައި އުފެއްދެވި އަމިއްލަ ޖަމުޢިއްޔާއެކެވެ.

އޯޓިޒަމް ކުދިންނަށް އުނގެނުމުގައި ހަމަހަމަ ފުރުޞަތު ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައި، "މޯލްޑިވްސް އޯޓިޒަމް ސެންޓަރ"ގެ ނަމުގައި 12 ސެޕްޓެންބަރު 2011 ގައި ވަނީ ވަކި ތަޢުލީމީ މަރުކަޒެއް އެސޯސިއޭޝަންގެ ދަށުން އުފައްދަވައިފައެވެ. އަދި 2017 ވަނަ އަހަރު އިމާރާތްކުރި 6 ފަންގިފިލާ އެކުލެވޭ އިމާރާތެއްގައި 18 ކްލާސްރޫމް ހިމެނޭގޮތަށް ޚިދުމަތްތައް ވަނީ ފުޅާކުރައްވައިފައެވެ. އޯޓިޒަމް ކުދިންނަށް ދެވޭ ޚިދުމަތްތައް ފެށިގެން އައީ 4 ކުދިންނާއި، މެއިންސްޓްރީމް ޓީޗަރަކާއެކު ނަމަވެސް، މިއަދު ވަނީ 150 ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިންނަށް، އެކި ފަންނުގެ 30 މުވައްޒަފުންގެ ޢިލްމާއި ހުނަރުން ގިނަ ތެރަޕީތަކެއް ފޯރުކޮށްދެމުންދާ ޤައުމީ ފެންވަރުގެ ޚިދުމަތަކަށް ބަދަލުވެފައެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ސައިކޮލޮޖިކަލް އެސެސްމަންޓާއި، ޑައިގްނޯސް ކުރުމާއި، އާރލީ އިންޓަރވެންޝަންގެ ދަށުން އެކެޑަމިކް (ލިޓްރަސީ ނިއުމެރަސީ، ސްކޫލް ރެޑިނަސް ޕުރޮގްރާމު، ސޯޝަލް ސްކިލް ޓްރޭނިންގ) އަދި ލައިފް ސްކިލްސްގެ ބައިތައް ހިމެނޭ ޚާއްޞަ މުޤައްރަރަކަށް (އިވެލުއޭޝަން ބައިތަކާއެކު) ކިޔަވައިދިނުމާއި، ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސެންސަރީ އިންޓެގްރޭޝަން، ބިހޭވިއަރ ތެރަޕީ އަދި ޕްލޭ ތެރަޕީ ފަދަ ޚިދުމަތްތަކުގެ އިތުރުން، ލޮލުގެ ފެނުމާއި، އަދި ކަންފަތުގެ އިވުން ސްކްރީން ކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.

ހަމައެއާއެކު، އޯޓިޒަމް ކުދިންނަށް ޚާއްޞަކޮށްގެން، އެސޯސިއޭޝަންގެ ފަރާތުން ރާވައިގެން، ޤުރްއާން ކިޔެވުމުގެ މުބާރާތާއި، ކުޅިވަރު މުބާރާތާއި، އާޓް އެގްޒިބިޝަނާއި، ޓެލެންޓް ޝޯތައް ބޭއްވުމުގެ އިތުރުން، ޤައުމީ އެކި ދުވަސްތައް ފާހަގަކުރުމުގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެމުން ގެންދެއެވެ.

މީގެއިތުރުން، އެހެން ސްކޫލްތަކުގެ ޓީޗަރުންނަށާއި، ތަނުގައި މަސައްކަތްކުރާ ތެރަޕިއުޓިކް އެޑިއުކޭޓަރުންނަށް އަމާޒުކޮށްގެން، އެކިއެކި ތަމްރީނުތައް ހިންގައެވެ. "އޮން ދަ ޖޮބް" ޓްރޭނިންގތަކުގެ އިތުރުން، ބޭރު ޤައުމުތަކަށް ފޮނުވައިގެންވެސް ތަމްރީނު ކުރެއެވެ. އަދި ބެލެނިވެރިންނާއި ޢާއިލާތަކަށް ޚާއްޞަކޮށްގެންވެސް އެކިއެކި ތަމްރީނުތައް ހިންގައެވެ. ހަމައެހެންމެ، މުޖުތަމަޢުގައި އޯޓިޒަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.

ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން "އިނޮވޭޓިވް" ޚިދުމަތްތައް ތަޢާރުފް ކުރުމާއި، އެހެން ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ ޕުރޮގްރާމުތައް "އިމްޕޯޓް" ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އޯޓިޒަމް އެސޯސިއޭޝަނުން ދޭ ޚިދުމަތްތަކަކީ، ބެލެނިވެރިން މިހާރު ބަލައިގަންނަ އަދި ކުދިންނަށް ކާމިޔާބީ ހޯދައިދެވޭ ޚިދުމަތްތަކެއްކަން ފާހަގަކޮށްލަމެވެ.