ޑޮކްޓަރ ޢަލީ ޒާހިރު
މ. ހިތިމާގެ

ޑޮކްޓަރ ޢަލީ ޒާހިރަކީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން، އިސްލާމްދީނާއި ޙަދީޘް ޢިލްމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއާއި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރޒް ޑިގްރީ އާއި، ޕީ.އެޗް.ޑީ. ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ޢަލީ ޒާހިރު، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިންނެވެ.

ޢަލީ ޒާހިރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ކިޔަވައިދެއްވަން ފެށްޓެވީ 2005 ވަނަ އަހަރުއެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެށްޓެވިއެވެ. ޑޮކްޓަރ ޢަލީ ޒާހިރު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައެވެ.

ޢަލީ ޒާހިރަކީ، ދީނީ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. މިގޮތުން، ދީނީ ދަރުސްތަކާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ވަޑައިގެންވެސް ދީނީ ވާރކްޝޮޕްތަކާއި ފޯރަމްތައް ހިންގަވަމުން ގެންދަވައެވެ. އަދި ޓީ.ވީ.އާއި ރޭޑިއޯ ޕުރޮގްރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޢަލީ ޒާހިރަކީ، ޢާއިލީ މައްސަލަތަކުގައްޔާއި، އަމިއްލަ މައްސަލަތަކުގައި، އިސްލާމިކް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ، ޢާންމު ފަރުދުންގެ އެދުމުން ގޭގެއަށް ވަޑައިގެންވެސް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ދީނީ މަޢުލޫމާތު ފެތުރުއްވުމާއި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވެބްސައިޓްތަކާއި، އޮންލައިން މަޖައްލާ ތަކުގައި ދީނީ މަޒުމޫނު ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. "މުސްލިމުންގެ ގުޅުން" ޖަމުޢިއްޔާއާ ގުޅިގެން މާލޭގެ ބައެއް މިސްކިތްތަކުގައި، ޙަދީޘް ކްލާސްތަކާއި، ތަފްސީރު ކްލާސްތައް ނަންގަވައިދެއްވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، 2019 ން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކުގައި ދީނީ ރައުޔު ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީ ޒާހިރު ވަނީ، "ތުއްތު ކުދީންގެ ނަމާދު" ފޮތް މުރާޖަޢާ ކުރައްވައިފައެވެ.

ޑޮކްޓަރ ޢަލީ ޒާހިރަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ އިމާމު ޑިޕްްލޮމާ ކޯހާއި، އިމާމު ޑިގްރީ ކޯހުގައި ޢަޤީދާ މޮޑިއުލް ނަންގަވައިދެއްވާ ޕާޓްޓައިމް ލެކްޗަރަރއެކެވެ. އަދި އުޔޫން އިންސްޓިޓިއުޓްގެ ޑީންގެ ގޮތުގައި ހުންނަވައިގެން އެ އިންސްޓިޓިއުޓްގެ ދަރިވަރުންނަށް 2021 ވަނަ އަހަރުން ފެށިގެން، އިސްލާމްދީނާ ގުޅޭ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝަރުޢީ ޢިލްމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަރަށްގިނަ ވާރކްޝޮޕްތަކާއި، ސެމިނަރއާއި، ސިމްޕޯޒިއަމްތަކުގައި ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން، ތަފާތު މައުޟޫޢުތަކަށް ޢިލްމީ ކަރުދާސްތައް ހުށަހަޅުއްވައިފައި ވެއެވެ.

ޢަލީ ޒާހިރަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ ކޮމިޓީގެ ޗެއަރމަން ކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތުގެ ކަންކަމާބެހޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި، އެޗް.ޑީ.އެފް.ސީ. އަމްނާގެ ޝަރީޢާ ކޮމިޓީ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރު ކަމާއި، އެކެޑަމިކް ސެނެޓްގެ މެންބަރު ކަމާއި، ހަޔަރ ޑިގްރީޒް ކޮމިޓީގެ މެންބަރު ކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ކޮމިޓީ އޮން ކޯސަސްގެ މެންބަރުކަންވެސް ކުރައްވައިފައެވެ.