އަލްފާޟިލް މުޙައްމަދު ޞާލިޙް
މ.ޝުއާޒް

މުޙައްމަދު ޞާލިޙަކީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސި ރޯޔަލް އެއަރފޯސްގެ މީހުން ތިބިއިރު، އެތާނގައި ތިބި ދިވެހީންގެ ތެރެއިން އިސް އެއް މުވައްޒަފެއްގެ ގޮތުގައި، އުމުރުން އެންމެ 17 އަހަރުގައި ޚިދުމަތް ފެށްޓެވުމަށްފަހު، އިނގިރޭސީން ގަމުން ފޭބުމުން 1978 ގައި، މަޖުބޫރީ ޙާލަތެއް ކުރިމަތިވެވަޑައިގެން މާލެއަށް ހިޖުރަ ކުރެއްވި ބޭފުޅެކެވެ. މުޙައްމަދު ޞާލިޙް ފުރަތަމަ ވިޔަފާރިއެއްގެ ގޮތުގައި ކުރެއްވީ، މާލެއާއި، އައްޑުއަތޮޅާ ދެމެދުގައި ދަތުރުކުރާ ބޯޓެއް ދުއްވެވުމުގެ މަސައްކަތެވެ. ބޯޓުގެ ދަތުރުތައް ކުރެއްވީ، ޞާލިޙުގެ މާލިމީކަމުގެ ދަށުންނެވެ.

މުޙައްމަދު ޞާލިޙު، ވިޔަފާރީގެ ތަފާތު ޚިދުމަތްތައް ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި ފެށްޓެވީ، ޕާޓްނަރޝިޕް ވިޔަފާރިއެއްގެ ގޮތުގައެވެ. އެއީ، 1983 ވަނަ އަހަރުއެވެ. "ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފަށްޓަވައި، ހާޑްވެއަރއާއި، ރިޒޯޓް ވެއަރއާއި، ޑިއުޓީ ފްރީ ޝޮޕާއި، ބޮންޑެޑް ވެއަރހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވިއެވެ. ޔަންމާ އިންޖީނާއި، ސްޕެއަރޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވިއެވެ. އޭގެއިތުރުން، ފާނައާއި، ހުއިފިލަނޑާގެ މަސްވެރިކަން، އާ ޓެކްނޮލޮޖީގެ އެހީގައި ދިރުވައި އާލާކުރައްވައި، އެ މަސައްކަތަށް ދިވެހިން އަހުލުވެރިކުރެއްވިއެވެ. އަދި، ޝިޕިންގ ކުންފުންޏެއް އުފައްދަވައިގެން، އެ ކުންފުނިން އާގުބޯޓުފަހަރު ދުއްވިއެވެ. މި ވިޔަފާރީގެ ތެރެއިން، ޞާލިޙާއި، އިތުރު ހަތަރު ބޭފުޅަކާއެކު މާލެއަތޮޅު ޅޮހިފުށި ކުއްޔަށް ނަންގަވައިގެން، 20 ކޮޓަރީގެ ރިޒޯޓެއް ހުޅުއްވައިގެން ހިންގަވަން ފެށްޓެވިއެވެ.

2000 ވަނަ އަހަރު ޕާޓްނަރޝިޕް ވިޔަފާރި ދެ ބަޔަކަށް ބެހުމާ ހިސާބުން، "ދަމާސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރައްވައިގެން، މުޙައްމަދު ޞާލިޙް ވިޔަފާރީގެ ތަފާތު ވައްތަރުތައް ތަޢާރުފް ކުރައްވައި، ތަރައްޤީ ކުރައްވަން ފެށްޓެވިއެވެ. އޭގެތެރޭގައި، ހާޑްވެއަރއާއި، އޮފީސް ފަރުނީޗަރާއި، ގެޔާއި ބަދިގޭގެ ފަރުނީޗަރާއި، ރިޒޯޓްވެއަރއާއި، އޮފީސް އޮޓޮމޭޝަންއާއި، ސްޓޭޝަނަރީއާއި، ކުލައާއި ދަވާދާއި، ޓައިލްސް އަދި ސެނިޓަރީ ވެއަރއާއި، ރިޔަލް އެސްޓޭޓް ވިޔަފާރި ހިމެނެއެވެ. އޭގެއިތުރަށް، "މެޑިކާ"ގެ ނަމުގައި 19 ޖަނަވަރީ 2013 އިން ފެށިގެން، މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް މާލޭގައި ހިންގަވަމުން ގެންދަވައެވެ. 2017 ގައި ދަމާސްގެ ވިޔަފާރި މޮޑަނައިޒް ކުރައްވައި، އޮންލައިން ވިޔަފާރި ތަޢާރުފް ކުރައްވައި، "ބިޒްނަސް ގާޑް"ގެ ނަމުގައި ސޮފްޓްވެއަރއެއް ތަޢާރުފް ކުރައްވައި، ކާމިޔާބުކަމާއެކު މި މޮޑެލްގެ ވިޔަފާރިވެސް ހިންގަވަމުން ގެންދަވައެވެ.

ރާއްޖެއިން ބޭރާ ގުޅުންހުރި ދާއިރާތަކުން ޞާލިޙް ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި ހުންނަވާ ތައިލެންޑްގެ އޮނަރަރީ ކޮންސްލްކަން ކުރެއްވުމާއި، ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމުކުރި ތައިލެންޑްގެ ކޮންސިއުލޭޓް ހިންގެވުމާއި، ސާރކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ވައިސް ޗެއަރމަންކަން ކުރެއްވުމާއި، ސާރކް ޤައުމުތަކުގެ އަންހެނުންގެ ވިޔަފާރިއަށް ޚާއްޞަ ވިންގެއް ތަޢާރުފް ކުރެއްވުމާއި، ސްރީލަންކާގައި ފެން ކުންފުންޏަކާއި، ކުކިންގ ޕޮޓް ފެކްޓަރީއެއް އުފެއްދެވުމާއި، ބޭރުގެ 10 ޕްރޮޑަކްޓެއްގެ ސޯލް އޭޖެންޓްކަން ކުރެއްވުމާއި، ދުނިޔޭގެ ޓޫރިޒަމް ޖަމުޢިއްޔާއާއި، ދިވެހި ވިޔަފާރިވެރިންނާ ގުޅުއްވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުން ހިމެނެއެވެ.

ޞާލިޙު، ހިލޭސާބަހަށް ކޮށްދެއްވި ޚިދުމަތްތަކުގެ ތެރޭގައި، ސުނާމީ ކާރިސާގެ ޓާސްކްފޯހުގައި މަސައްކަތް ކުރެއްވުމާއި، ބޭރުން އެހީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމާއި، ސުނާމީ ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާ ކުރެއްވުމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ.)ގެ މެނޭޖިންގ ޑިރެކްޓަރުކަން ހިލޭ ސާބަހަށް ކޮށްދެއްވުމާއި، ހެރެތެރެ ރިޒޯޓް އޮޕަރޭޝަނަށް ގެނައުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމާއި، ހުޅުދޫގައި މިސްކިތެއް ބިނާކޮށްދެއްވުމާއި، ދަތިޙާލުގައި އުޅޭ މީހުންނަށް ފަރުނީޗަރު ފޯރުކޮށްދެއްވުމާއި، ކުންފުނީގެ މުވައްޒަފުން، ޙައްޖާއި ޢުމްރާއަށް ފޮނުއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދެއްވުން ހިމެނެއެވެ.

ޞާލިޙުގެ އިޖުތިމާޢީ ޚިދުމަތުގެ ތެރެއިން، ދައުލަތުގެ ޚިދުމަތުގެ ކުރީ ސަފުގައި ޞާލިޙުގެ ނަންފުޅު ކުލަގަދަކޮށް ފާހަގަވެގެންދެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ޓްރެޜަރީގެ ރެވެނިއު ބޯޑުގެ މެންބަރުކަމާއި، އެމް.ޓީ.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ސުނާމީ އެއިޑް ކޮންޓްރޯލް ބޯޑުގެ މެންބަރުކަން ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރެއްވުމުގެ ގޮތުން މީހުން އުފައްދަވައި، ޒަމާނީ ފެންވަރަށް ތިމާވެށްޓާ ރައްޓެހި ޓޫރިޒަމްގެ ވިޔަފާރީގެ ތެރޭގައި ކުރައްވާ ވިޔަފާރިއަކީ، ޞާލިޙުގެ ވިޔަފާރީގެ ޚިދުމަތުގައި މުހިންމު ގޮތެއްގައި ގުނައިލެވޭ ޚިދުމަތްތަކެކެވެ. މިގޮތުން، ކ.ޅޮހިފުށްޓާއި، ރ.މީދުއްޕަރާއި، ރ.އާރަށް އަދި ހަމައެހެންމެ، ކ.މަޑިވަރުގައި ރިޒޯޓް އުފައްދަވައި، ގެސްޓްހައުސްގެ ގޮތުގައި "ނޮވިނާ" އާއި، "އޮރައިޒަން" އާއި، "އެވެނިއު އެންޑް ސްޕާ" ހިންގަވަމުން ގެންދަވައެވެ. އަދި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދެއްވުން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ޞާލިޙަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ރައީސްކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

މީހުން ބިނާކުރެއްވުމަށް ޞާލިޙް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ޒުވާނުންނަށް ވިޔަފާރިއާއި އިޤްތިޞާދީ ހުނަރު ދަސްކޮށްދެއްވުމާއި، ބޭރުގެ ވިޔަފާރި ފެއަރތަކާއި ބައްދަލުވުންތަކުގައި ޒުވާނުންނާއި، ޞާލިޙުގެ މުވައްޒަފުން ބައިވެރިކުރެއްވުމާއި، އަންހެނުން ވިޔަފާރީގައި ބާރުވެރިކުރެއްވުމާއި، ކުލައާއި ދަވާދު ހެދުމުގެ މަސައްކަތް މުވައްޒަފުންނަށް ދަސްކޮށްދެއްވުމާއި، ކެމިކަލް ބޭނުންކުރާނޭ ގޮތުގެ ތަމްރީނާއި، އެންޖިން އެންޑް ރިޕެއަރ ކޯސްތައް ހިންގެވުން ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޚާއްޞަ އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދު ޞާލިޙަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު" އަރުވާފައެވެ. މިއީ، މި ދާއިރާއަށް މުޙައްމަދު ޞާލިޙް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެރުވި ޝަރަފްވެރި އެވޯޑެކެވެ.

މުޙައްމަދު ޞާލިޙަކީ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައި މިހާރުވެސް ސާބިތުވެ ހުންނެވި ބޭފުޅެކެވެ.