އަލްފާޟިލް ޢަލީ ރިޔާޒް އިސްމާޢީލް
މއ. ނާގަލި

ޢަލީ ރިޔާޒް އިސްމާޢީލް، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 ނޮވެންބަރު 1985 ގައެވެ. އެއަރޕޯޓްސް އޮތޯރިޓީގެ ނަން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުވުމާ ގުޅިގެން، އެ ކުންފުނީގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފުރަތަމަ އަދާކުރެއްވީ ކޮމިއުނިކޭޝަން އޮފިސަރ (ޓްރޭނީ) އެއްގެ ވަޒީފާއެވެ. އޭގެފަހުން، ކޮމިއުނިކޭޝަން އޮފިސަރ ގްރޭޑް 2 ކަމާއި، ކޮމިއުނިކޭޝަން އޮފިސަރ ގްރޭޑް 3 ކަމާއި، ކޮމިއުނިކޭޝަން ސުޕަވައިޒަރ ކަމާއި، އެއިރޮނޯޓިކަލް އިންފޮމޭޝަން އޮފިސަރު ކަމާއި، ސީނިއަރ އެއިރޮނޯޓިކަލް އިންފޮމޭޝަން އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވި ސީނިއަރ އޮފިސަރ، އޭ.އައި.އެސް.ގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 2016 އިން ފެށިގެންނެވެ.

ޢަލީ ރިޔާޒް އިސްމާޢީލް، މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތަކީ، ވަރަށް ޒިންމާދާރު މަސައްކަތެކެވެ. ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވާ އެއިރޮނޯޓިކަލް އިންފޮމޭޝަން ޑޭޓާ، އެއަރ ޓްރެފިކް ސަރވިސަސްއަށާއި، ޕައިލެޓުންނަށާއި، އެއރލައިންތަކަށާއި، މި ޚިދުމަތް ބޭނުންވާ މިނޫންވެސް ފަރާތްތަކަށް ފޯރުކޮށްދެއްވުމެވެ.

ޢަލީ ރިޔާޒް އިސްމާޢީލަކީ، މި ދާއިރާއިން ތަފާތު އެތައް ކޯސްތަކަކާއި ތަމްރީނުތަކެއް، ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މި ރޮނގުން މުވައްޒަފުން ތަމްރީނު ކުރެއްވުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ކުންފުނިން ހިންގާ ތަފާތު އެކި ހަރަކާތްތަކުގައިވެސް ޢަލީ ރިޔާޒް އިސްމާޢީލް ގެންދަވަނީ ވަރަށް ހީވާގިކަމާއެކު ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ޢަލީ ރިޔާޒަކީ، ޤާބިލުކަމާއި ފަރުވާތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ، މުވައްޒަފުންގެ އިޙްތިރާމާއި ލޯބި ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ.