އަލްފާޟިލް ޙުސައިން ޔޫސުފް
ދަފްތަރު. ނަންބަރު ރސ 4771

ޙުސައިން ޔޫސުފް، ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރައްވައިފައިވާ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދަވައިފައި ވަނީ، ފައިސާއާބެހޭ މަސައްކަތެވެ. ކާތިބުކަމުގެ މަގާމުގައި 15 އެޕްރީލް 1984 ގައި އޯޑިޓް އޮފީހާ ގުޅިވަޑައިގަތީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް ދެމި ހުންނެވީ، ފައިސާއާބެހޭ މަސައްކަތުގައެވެ. މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުގައެވެ.

ޙުސައިން ޔޫސުފަކީ، ކަމަށްކަމޭހިއްތަވައިގެން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދި ކޮންމެ ކަމެއްވެސް، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޙުސައިން ޔޫސުފް، އޯޑިޓް އޮފީހުގައި އެސިސްޓެންޓް އެކައުންޓެންޓްކަމާއި، އެކައުންޓެންޓްކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 21 ޖޫން 1989 ގައި މުލީއާގޭގެ އެކައުންޓެންޓަކަށް ބަދަލު ކުރެއްވުމަށްފަހުގައި، މުލީއާގޭގެ އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަދި ރިޔާސީގަނޑުވަރުގައި ސީނިއަރ ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޙުސައިން ޔޫސުފް ފާހަގަކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ އެކައުންޓްތައް ބެލެހެއްޓުމާއި، އިންޓަރނަލް އޯޑިޓް ކުރުމުގެ މަސައްކަތް، ވަރަށް ޒިންމާދާރުކަމާއެކު ރަނގަޅަށް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން، މުވައްޒަފުންނާބެހޭ ކަންކަން ބެލެހެއްޓެވުމުގައިވެސް ވަރަށް ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ. އަދި އިދާރީ ސެކްޝަނުގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައިވެސް ވަރަށް މުހިންމު ދައުރެއް ޙުސައިން ޔޫސުފު އަދާކުރައްވަމުން ގެންދަވައެވެ.

ޙުސައިން ޔޫސުފަކީ، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައިވެސް ވަރަށް އަވަދިނެތި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުއްލިއަކަށް ކުރަންޖެހޭ ކަންކަމުގައި، އެއްވެސް ފޫހިފުޅުކަމެއް ނެތި މުވައްޒަފުންނާ ގުޅިގެން ފަރުވާތެރިކަމާއި ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އަދި މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ބޭފުޅެއްވެސް މެއެވެ. ޚިދުމަތުގައި ވޭތުވެދިޔަ ދިގު މުއްދަތުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށް ބޭނުންފުޅުވާ ކަންކަން ހުރިހާ ވަގުތެއްގައިވެސް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ.

މުލީއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުލީއާގެއަށް 20 އަހަރަށްވުރެން ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ދެއްވި ހަނދާނީ ފިލާ ޙުސައިން ޔޫސުފަށް ލިބިވަޑައިގެންފައި ވެއެވެ.