އަލްފާޟިލް އަޙްމަދު ފާރޫޤު
ހުޅުމާލެ. ފްލެޓް ނަންބަރު 04-1-105

އަޙްމަދު ފާރޫޤު، ދިވެހި ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދެނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އެއީ، 15 ފެބުރުވަރީ 1979 ގައެވެ. އެ މިނިސްޓްރީގައި ރޭޑިއޯ އޮޕަރޭޓަރެއްގެ ވަޒީފާވެސް ފާރޫޤު އަދާކުރެއްވިއެވެ. ދެއަހަރަށްވުރެ ގިނަދުވަހު އެ މިނިސްޓްރީގައި ޚިދުމަތް ކުރެއްވުމަށްފަހު، 15 ސެޕްޓެންބަރު 1981 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރަކަށް ބަދަލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގަންނަވަންދެންވެސް ހުންނެވީ، ކަސްޓަމްސްގެ ވަޒީފާގައެވެ. ޗީފް ކަސްޓަމްސް އޮފިސަރުކަމާއި، ސުޕްރިންޓެންޑެންޓްކަމާއި، ޑެޕިޔުޓީ ޑިރެކްޓަރުކަމާއި، ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުވެސް ފާރޫޤު ފުރުއްވިއެވެ.

އަޙްމަދު ފާރޫޤު ކަސްޓަމްސްގައި ދިގު މުއްދަތަކަށް ވަޒީފާ އަދާކުރެއްވިއިރު، ކަސްޓަމްސްގައި ހިންގި އެކި ޙަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެން، ކަސްޓަމްސްއަށް ރީތި ނަން ހޯއްދަވައިދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން، ފާށަނާ ބިލްޑިންގގައި ކަސްޓަމްސް ހިންގަމުން ގެންދިޔައިރު، އެ އޮފީހުގައްޔާއި، ގުދަނުގައި ވަރަށް ހީވާގިކަމާއެކު ވަރަށް ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރެއްވިއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ކަސްޓަމްސްގެ ޚިދުމަތްތައް ފެށުމަށް ކުރެވުނު މަސައްކަތްތަކުގައި، ޢާއިލާއާ ދުރުގައި، ހުންނަވައިގެން އެތަންތަނުން އެވަގުތަކު ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ކުރައްވައިގެންވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައިވެއެވެ. އަދި އެ އޮފީސްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ދެވޭ ޚިދުމަތްތައް އިތުރުކޮށް، ތަރައްޤީ ކުރުމުގައްޔާއި، މާލޭ ކޮމާޝަލް ހާބަރަށާއި، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ރާއްޖޭން ބޭރުން އަންނަ އުޅަނދުފަހަރަށް ކްލިއަރެންސް ދެއްވުމުގައްޔާއި، އުޅަނދުފަހަރަށް އަރައި ފައިބާ މީހުންނާއި، އަރުވައި ބާލާ ތަކެތި ބަލައި ފާސްކުރުމަށްޓަކައި، ސަރަޙައްދީ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ރާއްވަވައި ބެލެހެއްޓެވިއެވެ. އަދި ޕޮލިސީތައް ކަނޑައެޅުމުގައި މަޝްވަރާއާއި ލަފާދެއްވުމާއި، ގަވާއިދު ހެދުމުގައާއި، ޕޮލިސީއާއި ގަވާއިދާ އެއްގޮތަށް ކަންކަން ރާއްވަވައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެވިޔަ ނުދިނުމަށާއި، ބޭރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ރާއްވަވައި ހިންގެވުމުގައިވެސް ފާރޫޤު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް އަންނަ ފަސިންޖަރުން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ނަގަންޖެހޭ ތަކެތިން ޑިއުޓީނެގުމަށާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރޭގައި އިންވޮއިސްއަށްވުރެ އިތުރަށް ހުންނަ މުދާ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައިވެސް ފާރޫޤު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސްގެ ޔުނިޓު ބެލެހެއްޓެވުމުގައްޔާއި، އެއަރޕޯޓް އެރައިވަލްއާއި، ކާގޯގެ އިތުރުން، ރާއްޖެއަށް އަންނަ ބޭރުގެ ބޯޓުފަހަރުގެ ކްލިއަރެންސްގެ މަސައްކަތްތަކުގައިވެސް ހީވާގިކަމާއެކު ޚިދުމަތް ކުރެއްވިއެވެ. ކާގޯ އެގްޒޭމިނޭޝަން ސެކްޝަނާއި، ޕެސެންޖަރ ޕްރޮސެސިންގ ސެކްޝަންގެ އިތުރުން، ކަސްޓަމްސްގެ ތިލަފުށީ އޮފީހާއި، އުލިގަމު އޮފީހާއި، ކުޅުދުއްފުށީ އޮފީހާއި، ގއ.ވިލިނގިލީ އޮފީހާއި، ސ.ގަމުގައި ހުންނަ ކަސްޓަމްސްގެ އޮފީހުގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓެވުމުގައިވެސް ޢަމަލީގޮތުން ފާރޫޤު ބައިވެރިވެވަޑައިގެންނެވިއެވެ.

އަޙްމަދު ފާރޫޤު ވަނީ ކަސްޓަމްސްއިން ދެއްވާ ރަން ބެޖާއި، ނަމޫނާ މުވައްޒަފުގެ އެވޯޑުވެސް ހާސިލު ކުރައްވައިފައެވެ.