އަލްފާޟިލާ ނަފީސާ އަބޫބަކުރު
ކުޑަފަޅު ރ. އުނގޫފާރު

ނަފީސާ އަބޫބަކުރަކީ، ދިގު މުއްދަތެއްގައި ވަރަށް ހީވާގިކަމާއެކު އިންސާނީ ޚިދުމަތުގެ ދާއިރާގައި ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިންސާނީ ޚިދުމަތުގައި ސާބިތުކަމާއެކު އިޚްލާޞްތެރި ޚިދުމަތްތަކެއް 36 އަހަރަށްވުރެން ދިގު މުއްދަތެއްގައި، ޞިއްޙީ ދާއިރާގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަރުސްކަމުގެ ވަޒީފާއަކީ، ވަރަށް ފަރުވާތެރިކަމާއި ވަރަށް ހީވާގިކަމާއެކު ކަމަށް ކަމޭހިތައިގެން އޯގާތެރިކަމާއެކު ޚިދުމަތް ދީގެން އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ވަޒީފާއެއްކަން ދެނެވަޑައިގެން ހުންނަވައިގެން ނަފީސާ އަބޫބަކުރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދެނަންބަރު ނަރުސްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، 18 އެޕްރީލް 1984 ގައެވެ. އޭގެ ފަހުން އެކި ދުވަސްވަރު ކުރިމަތިވި ރޯގާތަކުގައި ބަލި މީހުންނަށް ޚިދުމަތްދިނުމުގައި ދިމާވި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ފަސްޖެހުމެއް ނެތި ނަފީސާ ގެންދެވީ އިންސާނިއްޔަތަށް ޚިދުމަތް ކުރައްވަމުންނެވެ.

ނަފީސާ އަބޫބަކުރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި، އެއްނަންބަރު ނަރސްކަމާއި، އެސިސްޓެންޓް ނަރސްކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސްކަމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، އެންރޯލްޑް ނަރސްކަމުގެ މަގާމުގައެވެ. ނަރސްކަމުގެ ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި ނަރސް އެއިޑް ޓްރޭނިންގ ކޯހާއި، ކޮމިއުނިޓީ ހެލްތު އެއިޑް ކޯސް ނަފީސާ އަބޫބަކުރު ވަނީ ފުރިހަމަކުރައްވައިފައެވެ.

ނަފީސާ އަބޫބަކުރަކީ، ބަލިމީހުންގެ ހާލަތު ގާތުން ދެނެގަނެގެން ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ބަލި މީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް އިޙްތިރާމު ކުރައްވައިގެން ޚިދުމަތް ދެއްވަމުން ގެންދަވާ ނަރުހެކެވެ. ބަލި މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ދިނުމުގެ އިތުރަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ވަގުތުން އެކަމެއް ޑޮކްޓަރަށް އެންގުމާއެކު ޑޮކްޓަރު ވަޑައިގެން ފަރުވާ ފަށްޓަވަންދެން ބަލިމީހާއާ ދުރަށް ވަޑައިނުގެން، ހާލަތާގުޅޭ ގޮތަކަށް އެހީތެރިވެދެއްވުމުގައި ދެމިހުންނަވާ ނަރުހެކެވެ.

ނަރުހެއްގެ ހައިސިއްޔަތުން ބަލި މީހުންނަށް ދިމާވާ އާދަޔާ ޚިލާފު ހާލަތްތައް ޑޮކްޓަރުންނަށް ކިޔައިދެއްވުމާއި، ރިޕޯޓްކުރުމާއި، ބަލިމީހަކަށް ދިމާވެފައިވާ ހާލަތަކާ ގުޅިގެން ބައްލަވަމުން ގެންދަވާ ޑޮކްޓަރަކު އެހެން ޑޮކްޓަރަކަށް ދައްކައިގެން ފަރުވާއެއް ހޯދުމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް ބަލިމީހާ ޑޮކްޓަރަކަށް ދެއްކުމަކީވެސް ނަފީސާ އަބޫބަކުރު ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އަދި އާދަޔާ ޚިލާފު ނުރައްކަލަކާ ދިމާ ނުވާ ހާލަތުގައި، މާބަނޑުމީހުން ވިއްސުމަކީވެސް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ނަފީސާ އަބޫބަކުރު ފާހަގަކުރެވިފައި ވަނީ، ނަރުހުން ލިބުން ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ވަރުގަދަ ޢަޒުމެއްގައި އިންސާނީ ޚިދުމަތަށް ނުކުންނެވި ޞިއްޙީ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. ވަސީލަތްތައް މަދު ދުވަސްވަރެއްގައި ލިބެންހުރި ވަސީލަތްތައް ބޭނުން ކުރައްވައިގެން ފަރުވާތެރިކަމާއެކު އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ޞިއްޙީ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ނަފީސާ އަބޫބަކުރަކީ، ރ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން، ނ.އަތޮޅާއި، ރ.އަތޮޅާއި، ބ.އަތޮޅާއި، ޅ.އަތޮޅުގައި އެކި ދުވަސްވަރު ހިންގައިފައިވާ ޞިއްޙީ ދާއިރާގެ އެކި ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތްކޮށްދެއްވައިފައިވާ ބޭފުޅެކެވެ.