ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިން މަނިކު
ދަފްތަރު. ނަންބަރު ރސ 8873

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިންމަނިކަކީ، 1979 ވަނަ އަހަރުގެ އެޕްރީލްމަހުގެ 28 ވަނަ ދުވަހު ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި، މެދުނުކެނޑި 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ބޭފުޅެކެވެ.

ޙުސައިން މަނިކަކީ، ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން އެވަގުތަކު ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދެވުމަށްފަހުގައި ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިއެކެވެ. އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖަންޓް ކަމާއި ސްޓާފް ސާރޖަންޓްގެ ރޭންކުގައި ހުންނަވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޚިދުމަތުގައި ހޭދަކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި، ޑިއުޓީ ސެކްޝަންގައާއި، ޓާސްކް ފޯސްގައާއި، ޑެލްޓާ ފޯސްގައާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައާއި، އޯޑްނަންސް ސަރވިސްގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އެމް.އެން.ޑީ.އެފް.އިން ހިންގައިފައިވާ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިން މަނިކު ވަނީ، ސިފައިންގޭގައި ޚިދުމަތް ކުރެއްވިއިރު 7 މެޑެއްޔަކާއި 8 ކުލަ ހާސިލު ކުރައްވައިފައެވެ. މިގޮތުން، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، މިނިވަން ފަންސާހުގެ މެޑެލް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ކާމިޔާބުގެ ކުލަ ލިބިވަޑައިގެންފައި ވެއެވެ. އަދި އަޚްލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ.