އަލްފާޟިލާ ޚަދީޖާ އިބްރާހީމް
މ. ޕައިންއެޕަލް

ޚަދީޖާ އިބްރާހީމަކީ، ދިވެހިދައުލަތުގެ ޚިދުމަތުގައި 37 އަހަރަށްވުރެން ގިނަދުވަހު ހުންނެވުމަށްފަހު ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގެ ބޮޑުބައި ހޭދަކުރައްވައިފައިވަނީ، ޝަރުޢީ ދާއިރާގެ އިދާރީ މަސައްކަތް ކުރެއްވުމުގައެވެ.

ޚަދީޖާ އިބްރާހީމް ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އިދާރީ ވަރަށް ގިނަ މަސައްކަތްތައް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައި ވެއެވެ. ހަވާލުކުރެވުނު މަސައްކަތްތައް
އެ މަސައްކަތެއް ނިންމުމަށް ކަނޑައަޅައިފައިވާ ވަގުތަށް ނުވަތަ މުއްދަތަށް ނިންމުމަށް ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރައްވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމައެއާއެކު، އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންނާއެކު ރިވެތިކޮށް މުޢާމަލާތް ކުރައްވައިގެން ލަނޑުދަނޑި ހާސިލުކުރެއްވުމަށް މަސައްކަތްކުރައްވައިފައި ވެއެވެ.

ޚަދީޖާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ 16 އޮކްޓޫބަރު 1982 ގައި، ކޯޓު ނަންބަރު 4 ގެ ދެނަންބަރު ކާތިބާކަމުންނެވެ. އޭގެ ފަހުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުގެ ދެނަންބަރު ކާތިބާކަމާއި އެސިސްޓެންޓް ސެކްރެޓެރީކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓެރީކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ.

ޝަރުޢީ ދާއިރާގައި ޚަދީޖާ އިބްރާހީމް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރަށުކޯޓުތަކުގައި ހުންނަ މައްސަލަތައް އަވަސްކުރުމަށް އެހީތެރިވެދެއްވުމާއި، ވަރިއާއި ކައިވެންޏާ ގުޅިގެން ހުށަހެޅޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުން ހިމެނެއެވެ. އަދި ސުޕްރީމް ކޯޓާއި ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ފޮނުވާ މައްސަލަތަކާއި، ކޯޓުތަކުގެ ނިންމުންތަކުގެ ރެކޯޑްތައް ފަސޭހައިން އެނގޭނޭ ގޮތަށް ބަލަހައްޓަވަމުން ގެންދަވައިފައި ވެއެވެ.

ޚަދީޖާ އިބްރާހީމް ކުރައްވައިފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވައިލައިފައިވާ މައްސަލަތަކުން ތަނާޒުލުވުމުގެ ގަވާއިދު ތަންފީޒުކޮށް ހިންގެވުމާއި، ޝަރުޢީ ދާއިރާގެ އަގުކޮމިޓީގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓެވުމާއި، އަގުކުރަންޖެހޭ ތަންތަން އަގުކުރުމާބެހޭގޮތުން ހަމަޖައްސައިދޭންޖެހޭ ކަންކަން ހަމަޖައްސަވައިދެއްވުންފަދަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އަދި، ފަނޑިޔާރުންނާއި، ޤާޟީންނާއި މެޖިސްޓްރޭޓުންނަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަންގަންޖެހޭ އެންގުންތައް އެންގެވުމާއި، އެންގެވުންތަކުގެ ރެކޯޑްތައް ބެލެހެއްޓެވުމަކީވެސް ޚަދީޖާ އިބްރާހީމް ކުރައްވައިފައިވާ މަސައްކަތްތަކެވެ.