އަލްފާޟިލާ ޙައްވާ ރަޝީދާ
ހުޅުމާލެ. ފްލެޓް ނަންބަރު 06-ޖީ-121

ޙައްވާ ރަޝީދާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބާކަމުގެ މަގާމުން 13 ފެބުރުވަރީ 1983 ގައެވެ. މުނިސިޕަލްޓީގައި ވަޒީފާ އަދާކުރެއްވުމަށްފަހު ބަދަލުވެވަޑައިގެންނެވީ، ސަދަން ރީޖަނަލް އޮފީހަށެވެ. އެ އޮފީހުގައި ދުވަސްކޮޅެއްވަންދެން ވަޒީފާ އަދާކުރެއްވުމަށްފަހު ޚިދުމަތުން ވަކިވެވަޑައިގެންނެވީ 2 ޑިސެންބަރު 1986 ގައެވެ. އޭގެ ފަހުން 26 ނޮވެންބަރު 1987 ގައި 2 ނަންބަރު ކާތިބާކަމުގެ ވަޒީފާގައި ކަސްޓަމްސްގައި ޚިދުމަތް ފެށްޓެވިފަހުން މިއަދާ ހަމަޔަށްވެސް ހުންނެވީ ކަސްޓަމްސްގައެވެ. ކަސްޓަމްސްގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، އެސިސްޓެންޓް ކޭޝިއަރުކަމާއި، ކޭޝިއަރުކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރުކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ހިމެނެއެވެ. މިހާރު ހުންނެވީ، ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައެވެ.

ކަސްޓަމްސްގައި ފައިސާ ބަލައިގަތުމާބެހޭ މަސައްކަތް 15 އަހަރުވަންދެން މެދުކެނޑުމެއްނެތި ކުރެއްވުމަށްފަހު އެޑްމިނިސްޓްރޭޝަނަށް ބަދަލުކުރެއްވީ ހިންގުމަށް އައި ބަދަލުގެ ތެރެއިންނެވެ. އެޑްމިނިސްޓްރޭޝަނުގައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް ބަދަލުކުރެއްވީ، ކޮމިޝަނަރ ޖެނެރަލް ބިއުރޯއަށެވެ. އަދި ކޮމިޝަނަރ ޖެނެރަލް ބިއުރޯގައި 16 އަހަރުވަންދެން މަސައްކަތްކުރެއްވުމަށް ފަހުގައި އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ޑެޕިއުޓީ ހެޑްގެ މަގާމު އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، އެ ސެކްޝަންގެ ހެޑްގެ މަގާމުގައެވެ. ޙައްވާ ރަޝީދާއަކީ، ކަސްޓަމްސްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރެއްވެސް މެއެވެ.

ޙައްވާ ރަޝީދާ، ކަސްޓަމްސްގައި ކުރައްވަމުން ގެންދެވި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ކަސްޓަމްސްގެ އަހަރީ ޖަލްސާގެ އިންތިޒާމުތައް ބަލަހައްޓަވާ އިސް ބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަތުމާއި، ކޮމިޝަނަރ ޖެނެރަލްގެ ޚާއްޞަ ބައްދަލުވުންތަކާއި، ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާ ބައްދަލުވުންތައް އިންތިޒާމު ކުރައްވައި ބެލެހެއްޓެވުން ހިމެނެއެވެ. އަދި، ކަސްޓަމްސްގައި އެކިއެކި ކަންކަން ކުރާނެ ގޮތުގެ އެސް.އޯ.ޕީ.ތައް އެކުލަވައިލުމާއި، އެކި ކަންކަމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މީގެ އިތުރުން، ކަސްޓަމްސްއިން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ [ކެޓްސް] ސިސްޓަމް އުފެއްދުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޙައްވާ ރަޝީދާ، ކަސްޓަމްސްގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި ވަޒީފާއާގުޅޭ ތަފާތު ވަރަށް ގިނަ ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ.

ކަސްޓަމްސްގައި ޚިދުމަތްކުރައްވާ މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެތަނުން ދެއްވާ ކުލަތަކުގެ ތެރެއިން ޚާއްޞަ ޚިދުމަތުގެ ކުލައާއި، ދިގުމުއްދަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ކުލަ، ޙައްވާ ރަޝީދާ ހާސިލު ކުރައްވައިފައި ވެއެވެ. ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތްކުރައްވާ މުވައްޒަފުންނަށް ދެއްވާ ރަންބެޖާއި، ވަރލްޑް ކަސްޓަމްސް އޯގަނައިޒޭޝަންގެ މެރިޓް ސެޓުފިކެޓާއި، ނަމޫނާ މުވައްޒަފުގެ މަގާމުވެސް 3 ފަހަރަށް ޙައްވާ ރަޝީދާ ހާސިލު ކުރައްވައިފައި ވެއެވެ.