އަލްފާޟިލާ ޙަރިއްޔާ ޢަލީ
ދަފްތަރު. ނަންބަރު ރސ 2120

މަޖީދިއްޔާ ސްކޫލްގެ ޓައިޕިސްޓެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތަށް ޙަރިއްޔާ ޢަލީ ނުކުމެވަޑައިގެންނެވީ 4 ޑިސެންބަރު 1983 ގައެވެ. ދެއަހަރަށްވުރެ ގިނަދުވަހު އެ ވަޒީފާގައި އުޅުއްވުމަށްފަހު 13 އޮގަސްޓު 1985 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ ޓީ.ވީ މޯލްޑިވްސްގައެވެ. ޓީވީ މޯލްޑިވްސްގައި ޓައިޕިސްޓެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު ދެން ބަދަލުވެވަޑައިގަތީ އެސިސްޓެންޓް ސެކްރެޓެރީއަކަށެވެ. އޭގެ ފަހުން އެސިސްޓެންޓް އެޑްމިން އޮފިސަރުކަމުގެ މަގާމާއި، އެސިސްޓެންޓް ފްރަންޓް އޮފިސަރުކަމުގެ މަގާމުވެސް ފުރުއްވިއެވެ.

ޓީވީ މޯލްޑިވްސްގައި ޙަރިއްޔާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ސްޓޮކް ބެލެހެއްޓެވުމާއި، ޓީވީ ރަޖިސްޓަރީކޮށްދެއްވުމާއި، ދުވަހުން ދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާ ލިޔުއްވުމާއި، އިކުއިޕްމަންޓް ދޫކޮށް ބަލައިގަތުމުގެ މަސައްކަތް ހިމެނެއެވެ. ޙަރިއްޔާއަކީ، ހާޒިރީއަށް ވަރަށް ފަރުވާތެރި، އޮފީހުން އެންގެވި ކޮންމެ މަސައްކަތެއްވެސް ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެކެވެ. އަދި 1983 ން ފެށިގެން މިހާތަނަށް ދުވަހަކުވެސް ގަޑިޖެހިފައެއް ނެތެވެ.

ޙަރިއްޔާ ޢަލީއަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ އިދާރާގައިވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެދުވަސްވަރަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިގެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން އެކިއެކި މަސައްކަތް ކުރެއްވުމަށް އެކަށީގެންވާ އަދި މަސައްކަތަށް ރަނގަޅުކަމަށް ފާހަގަކުރެވޭ މުވައްޒަފުން ޚާއްޞަ މަސައްކަތްތަކަށް ދޫކުރައްވަމުން ގެންދެވި ދުވަސްވަރެއްކަމުން، އެގޮތުގެމަތީން ފާހަގަ ކުރެވިގެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތްތަކަށް ދޫކުރެއްވި މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޤާނޫނު އަސާސީ އެކުލަވައިލުމަށް އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޔައުމިއްޔާތަކާއި، ޚާއްޞަ ކޮމިޓީތަކުގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ޓައިޕް ކުރައްވައި މަޖިލީހުގެ ކޮންމެ މެންބަރަކަށް، ޔައުމިއްޔާގެ ކޮޕީއެއް ފޮނުއްވުމުގެ މަސައްކަތް، ޚާއްޞަ މަޖިލީހުގެ އިދާރާގައި 7 ނޮވެންބަރު 2004 ން 20 މޭ 2005 އަށް ޙަރިއްޔާ ކުރެއްވީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

ޙަރިއްޔާ ޢަލީއަކީ، 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި "ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" ގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި މަސައްކަތުގައި، ފްލެޓަށް އެދިފައިވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެއްލެވުމަށް އެމީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތް ކުރައްވައި އެމަސައްކަތްވެސް ވަރަށް ފަރުވާތެރިކަމާއެކު ޙަރިއްޔާ ކުރައްވައިފައިވެއެވެ.