އަލްފާޟިލް މުޙައްމަދު ވަޙީދު ޢަލީ
ދަފްތަރު. ނަންބަރު ރސ 4095

މުޙައްމަދު ވަޙީދު ޢަލީ، ދިވެހި ދައުލަތުގެ ޚިދުމަތުގައި 37 އަހަރަށްވުރެން ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އޭގެތެރެއިން އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އެކި މަގާމުތަކުގައި، ފައިސާއާބެހޭ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގައެވެ. 9 ނޮވެންބަރު 1983 ގައި މުޙައްމަދު ވަޙީދު ޢަލީ، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، އޯޑިޓް އޮފީހުގެ ވަގުތީ ކާތިބެއްގެ މަގާމުންނެވެ. އޯޑިޓް އޮފީހުގައި، އެސިސްޓެންޓް އޯޑިޓް އެކައުންޓެންޓް ކަމާއި، އޯޑިޓް އެކައުންޓެންޓް ކަމާއި، ސީނިއަރ އޯޑިޓް އެކައުންޓެންޓް ކަމާއި، އެސިސްޓެންޓް އޮޑިޓަރުކަމުގެ މަގާމު ފުރުއްވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓް އޮފިސަރުކަމުގެ މަގާމަށް 1991 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ބަދަލުވެވަޑައިގަތީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް މުޙައްމަދު ވަޙީދު ޢަލީ ހުންނެވީ، އެ މިނިސްޓްރީގެ ޚިދުމަތުގައެވެ. ފުރަތަމަ ކުރެއްވީ، އެ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގގެ ބަޖެޓް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން، ބަޖެޓް ސެކްޝަން ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތެވެ. އަދި އެ ފެކަލްޓީން ހިންގެވި ފައިސާ ބެލެހެއްޓުމާބެހޭ ކޯސްތަކުގައިވެސް ކިޔަވައިދެއްވައި މީހުން ތަމްރީނު ކުރެއްވިއެވެ.

މުޙައްމަދު ވަޙީދު ޢަލީއަކީ، 1995 ން ފެށިގެން 2004 އަށް ފެކަލްޓީ އޮފް މެނެޖްމަންޓް އެންޑް ކޮމްޕިއުޓިންގއިން ހިންގެވި ރަށްރަށުގެ ވެރިން ތަމްރީނުކުރާ ކޯހާއި، 2005 ން ފެށިގެން 2008 އަށް ހިންގެވި އެޑްވާންސްޑް ސެޓްފިކެޓް އިން އައިލެންޑް އެޑްމިނިސްޓްރޭޝަން ކޯހުގައި، ފައިސާއާބެހޭ ގަވާއިދު ކިޔަވައިދެއްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، 1994 ން ފެށިގެން އެ ފެކަލްޓީން ހިންގެވި ކުރު މުއްދަތުގެ ކޯސްތަކުގައިވެސް، ސަރުކާރުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ގަވާއިދު ކިޔަވައިދެއްވައިފައި ވެއެވެ.

އޯޑިޓް އޮފީހުގައި މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައިވަނީ، ފައިސާ ބެލެހެއްޓުމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން ފައިސާގެ މުޢާމަލާތު ކޮށްފައިވޭތޯ ބެއްލެވުމުގެ މަސައްކަތެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލުވެވަޑައިގަތުމަށްފަހުގައިވެސް މައިގަނޑު ގޮތެއްގައި ކުރައްވަމުން ގެންދަވައިފައިވަނީ، މި މަސައްކަތެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މިދާއިރާގައި މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލްތަކުގެ އިންޓަރނަލް އޮޑިޓްތައް ރާވައި ހިންގެވުން ހިމެނެއެވެ. އަދި މި ދާއިރާގައި ފައިސާއާބެހޭ ކަންކަމުގައި ޙަރަކާތްތެރިވާ މުވައްޒަފުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި މަސައްކަތު ބައްދަލުވުންތައް ރާއްވަވައި ހިންގަވައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން ތަމްރީނު ކުރައްވައިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ހިންގުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ފައިސާއާބެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި ގެނެވުނު ބަދަލުތަކާ ގުޅޭ ގިނަ މަސައްކަތްތަކެއް މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައި ވެއެވެ. ހަމައެއާއެކު ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުން މިކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވައިފައި ވެއެވެ. ތަޢުލީމީ ދާއިރާގައި މި މަސައްކަތުގައި ގާތްގަނޑަކަށް 27 އަހަރު ހޭދަކުރައްވައިފައި ވެއެވެ.

މުޙައްމަދު ވަޙީދު ޢަލީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، ފައިނޭންސް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓް ޕްލޭނިންގ އެންޑް ފައިނޭޝަލް ކޮންޓްރޯލް އެންޑް އިންޓަރނަލް އޯޑިޓް ސެކްޝަނާއި، އޯޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނާއި، ފައިނޭންސް ޑިވިޜަނުގައިވެސް މަސައްކަތްކުރައްވައިފައި ވެއެވެ. މުޙައްމަދު ވަޙީދު ޢަލީ، މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ، ފައިނޭންސް ޑިވިޜަނުގައި، ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.