އަލްފާޟިލާ އިޙްސާނާ މޫސާ
ގ. ޑްރީމްއޮފްގާރޑްން

އިޙްސާނާ މޫސާއަކީ، 11 ފެބުރުވަރީ 1979 ން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، 19 އޮގަސްޓު 2017 ގައި ވަޒީފާއިން ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ.

އިޙްސާނާ، ފުރަތަމަ ވެދެވަޑައިގަތީ ޓައިޕިސްޓެއްގެ ވަޒީފާއަށެވެ. އޭގެފަހުން، ކްލާކް ޓައިޕިސްޓް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރެއްވިއެވެ. އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޑެޕިއުޓީ މެނޭޖަރު ކަމާއި، މެނޭޖަރު ކަމާއި، މެނޭޖަރ، އެމްޕްލޯއިމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކަމާއި، މެނޭޖަރ، ހިއުމަން ރިސޯސަސް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ ކުންފުނީގެ މެނޭޖަރު ކަމުގެ މަގާމުގައެވެ. މި ދިގު މުއްދަތުގައި އިޙްސާނާ ޚިދުމަތް ކުރައްވައިފައި ވަނީ، ކުންފުނީގެ ވަޒީފާއާބެހޭ ބައިގެ އިސް މުވައްޒަފެއްގެ ގޮތުންނެވެ.

ކުންފުނީގެ ހިއުމަން ރިސޯސަސް މެނޭޖަރ ކަމުގެ މަގާމުގައި އިޙްސާނާ ހުންނަވައިގެން، އެ ދާއިރާގެ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމަށާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމަށާއި، ހަރުދަނާ ގޮތެއްގައި މަސައްކަތްތައް ސުޕަވައިޒް ކުރެއްވުމުގެ ކަންކަން ކުރައްވައިފައި ވެއެވެ.

އިޙްސާނާ މޫސާއަކީ، ކުންފުނިން ހިންގައިފައިވާ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، ކުންފުނިން ބާއްވާ އިމަރޖެންސީ އެކްސަސައިޒްތަކާއި، އެއަރޕޯޓް ސާފުކުރުންފަދަ ބޮޑެތި ކަންކަމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ޖީ.އެމް.އާރާ. އެއަރޕޯޓް ހަވާލުކުރުމުގައި ވަރަށް ބުރަކޮށް ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި އިޙްސާނާ ވަނީ އެއަރޕޯޓް ރިކްރިއޭޝަން ކްލަބުގެ ކޮމިޓީ މެންބަރުކަން 2006، 2007 އަދި 2008 ވަނަ އަހަރު ކުރައްވައިފައެވެ.

އިޙްސާނާ ފާހަގަވެގެންދަނީ، ކުންފުންޏަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.