އަލްފާޟިލް އަޙްމަދު ފިކުރީ
ދަފްތަރު. ނަންބަރު ރސ 4754

އަޙްމަދު ފިކުރީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 5 އޮކްޓޫބަރު 1983 ގައި، ޓެލެވިޜަން މޯލްޑިވްސްގެ ޕިޔޯނުކަމުގެ ވަޒީފާއިންނެވެ. މި މަގާމުން ޓެލެވިޜަން މޯލްޑިވްސްގެ ކޮންޓްރޯލް ރޫމުގެ އެޓެންޑެންޓަކަށް ބަދަލުވެ ވަޑައިގަތީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް ކުރައްވަމުން ގެންދަވަނީ ލައިޓިންގއާބެހޭ މަސައްކަތެވެ. މި ދާއިރާގައި މެދުނުކެނޑި ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

އަޙްމަދު ފިކުރީ އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ޓީވީ މޯލްޑިވްސްގެ ޓެކްނީޝަން އެސިސްޓެންޓްކަމާއި، އެސިސްޓެންޓް ލައިޓިންގ ޓެކްނީޝަންކަމާއި، ލައިޓިންގ ޓެކްނީޝަންކަމާއި، ޕްރޮޑަކްޝަން އެގްޒެކެޓިވް ލައިޓިންގ ޓެކްނީޝަންކަމާއި، ޕަބްލިކް ސަރވިސް މީޑިއާގެ ޗީފް ލައިޓިންގ ޓެކްނީޝަންކަން ހިމެނެއެވެ.

އަޙްމަދު ފިކުރީއަކީ، ކަމަށްކަމޭހިއްތަވައިގެން ވަގުތަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތްކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެކެވެ. ޓީވީ މޯލްޑިވްސްއިން ގެނެސްދޭ ޚަބަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގެ މަންޒަރުތަކަށް ފުރިހަމަކަން ގެނެސްދޭ ލައިޓިންގ ހެދުމުގެ ތަޖުރިބާކާރެކެވެ.

ލައިޓިންގ ހެދުމުގެ ދާއިރާއިން އަޙްމަދު ފިކުރީ ވަނީ ތަފާތު ތަމްރީނުތައް ހޯއްދަވައިފައެވެ. އަދި މިހާރު އަލަށް މިދާއިރާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުތަކުގައި، މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް އަޙްމަދު ފިކުރީ ކުރައްވައެވެ.

އަޙްމަދު ފިކުރީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ލައިޓިންގ ހެއްދެވުމާއި، ސްޓޯޑިއޯ ލައިޓިންގ ހެއްދެވުމާއި، ޓީވީ އިން ޚަބަރު ގެނެސްދިނުމަށް ހަދާ ލައިޓިންގ ހެއްދެވުމުގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު، މިކަންކަމުގައި ބޭނުންކުރާ ލައިޓިންގ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެއްވުމާއި، ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައެވެ. މީގެއިތުރުން، ސަރުކާރުގެ ފަރާތުން އެކިއެކި މުނާސަބަތުތަކުގައި ބާއްވަވާ ޤައުމީ ފެންވަރުގެ ބޮޑެތި ޚާއްޞަ ޙަފްލާތަކާއި، ޙަރަކާތްތަކާއި، ޕްރޮޖެކްޓްތައް ލައިވްކޮށް ދެއްކުމަށް ބޭނުންވާ ލައިޓިންގ ހެދުމާއި އެފަދަ އެންމެހައި ކަންކަން ލައިވްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރައްވާ އެންމެ އިސް ބޭފުޅެއްގެ ދައުރުވެސް އަދާކުރައްވައިފައި ވެއެވެ.

އަޙްމަދު ފިކުރީގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކާއި، މިނިވަން 50 ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކާއި، ޖުމްހޫރީ 30 ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.