އަލްފާޟިލް ޢުމަރު ވަޙީދު
ހީނާމާގެ ވ. ފުލިދޫ

1983 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަދުވަހު ސަރުކާރުގެ ޚިދުމަތަށް ނުކުންނެވީ، ވ.އަތޮޅު މަދަރުސާގެ ވަގުތީ މަސައްކަތު މީހެއްގެ މަގާމުންނެވެ. ހީވާގިކަމާއި، މުރާލިކަމާއެކު ޚިދުމަތް ކުރެއްވުމުގައި، ޢުމަރު ވަޙީދު މިހާރުވެސް ދެމި އެބަ ހުންނެވިއެވެ.

މަސައްކަތު މީހެއްގެ ވަޒީފާގައި ހުންނެވިނަމަވެސް، ޢުމަރު ވަޙީދަކީ، ވަރަށް ހުނަރުވެރި ބޭފުޅެކެވެ. މަދަރުސާގައި ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތަކާއި، އެކިއެކި މެޝިންތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ޢުމަރު ވަޙީދުގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުން ދެއެވެ. ރަސްމީ މަސައްކަތު ވަގުތުގައްޔާއި، އެނޫން ވަގުތުތަކުގައިވެސް، މައްސަލައެއް ދިމާވެގެން އަންގަވާ ކޮންމެ ވަގުތަކުވެސް ވަޑައިގެން އެކަމެއް ވަގުތުން ޙައްލުކޮށްދެއްވައެވެ.

ޢުމަރު ވަޙީދަކީ، މަދަރުސާގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. ސްކޫލާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރެއްވުމުގެ މަސައްކަތްތަކަކީ ކޮންމެ ދުވަހަކުވެސް ބަރާބަރަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. ޢުމަރު ވަޙީދަކީ، އަމިއްލައަށް އިސްނަންގަވައިގެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢުމަރު ވަޙީދު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރެއްވިކަން އެއީ، ޢުމަރު ވަޙީދަށް މިއަދު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފާފުޅެވެ.