އަލްފާޟިލާ ނަޛީރާ މުޙައްމަދު
ދިލްބަހާރުގެ ވ. ތިނަދޫ

ނަޛީރާ މުޙައްމަދު، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ، 21 މާރިޗު 1983 ގައި ވ.ތިނަދޫ އޮފީހުގެ ކާތިބާކަމުގެ ވަޒީފާއިންނެވެ. އޭގެ ފަހުން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ނަޛީރާ މުޙައްމަދު އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި ވ.ތިނަދޫ އޮފީހުގައި ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ތިނަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރުކަން ހިމެނެއެވެ.

ނަޛީރާ މުޙައްމަދު، ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގައި ހުންނަވައިގެން ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްތައް ހީވާގިކަމާއެކު ކުރައްވައިފައި ވެއެވެ. ޙަވާލުކުރާ މަސައްކަތްތައް އަބަދުވެސް ފަރުވާތެރިކަމާއެކު ފުރިހަމައަށް ނިންމުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. ތިނަދޫ އޮފީހުގައި ވަޒީފާގައި ހުންނެވި ދުވަސްވަރުގެ ތެރޭގައި، އެ އޮފީހުން ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތައް ދެއްވަމުން ގެންދަވައިފައިވަނީ، އިޚްލާޞްތެރިކަމާއެކުގައެވެ. ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ފަރުވާތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ގާއިމުވުމުން ނަޛީރާ މުޙައްމަދު މަސައްކަތްކުރައްވަން ޖެހިވަޑައިގަތީ، ކައުންސިލްގެ އިދާރާގެ މުވައްޒަފެއްގެ ގޮތުގައެވެ. ހިންގުމަށް ބަދަލު އައިނަމަވެސް، އަދި މަސައްކަތް ކުރުމުގެ ވައްޓަފާޅިއަށް ބަދަލު އައިނަމަވެސް ނަޛީރާ މުޙައްމަދަކީ ހިތްވަރާއެކު ޚިދުމަތުގައި ދެގޮތެއް ނުވެ ދެމިހުންނެވި ބޭފުޅެކެވެ. ކައުންސިލުންދޭ މުނިސިޕަލް ޚިދުމަތްތަކާއި، މުވައްޒަފުންނާބެހޭ ކަންކަމާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅުއްވައިފައިވެއެވެ.

ނަޛީރާ މުޙައްމަދު ފާހަގަވެފައިވަނީ، ކައުންސިލްގެ އިދާރާގައި މިވަގުތު ތިއްބެވި މުވައްޒަފުންގެ ތެރެއިން، ތިނަދޫ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ މުވައްޒަފުގެ ގޮތުގައެވެ. ހާޒިރީއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި ހޭދަކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ. އެހެން މުވައްޒަފުންނާ ގުޅިވަޑައިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގޮތުގައެވެ.

ނަޛީރާ މުޙައްމަދަކީ، އޮފީހުގައި ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތަކުގެ އިތުރަށް ރައްޔިތުންނާ ގުޅިވަޑައިގެން ކުރައްވާ މަސައްކަތްތަކުގައިވެސް ހިއްސާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ނަމޫނާ ކަނބަލެއްގެ ގޮތުގައި ރައްޔިތުންގެ މެދުގައި ފާހަގަވެފައިވާ ބޭފުޅެއްވެސް މެއެވެ.