އަލްފާޟިލް މުޙައްމަދު ސަޢީދު އަޙްމަދު
ހޯދަޑު. އަހިމާގެ ޏ. ފުވައްމުލައް

މުޙައްމަދު ސަޢީދު އަޙްމަދު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ، ސިފައިންގެ މީހެއްގެ ގޮތުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2 މާރިޗު 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމެވެ. އޭގެ ފަހުން، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލްކަން ކުރެއްވިއެވެ. ސިފައިންގޭގައި ޚިދުމަތްކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހުޅުލޭ ރީޖަނަލް ހެޑްކުއާޓަރޒްއަށެވެ.

މުޙައްމަދު ސަޢީދު އަޙްމަދު، ރިޔާސީ ގަނޑުވަރުގައި ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ، 9 މާރިޗް 2004 ގައެވެ. މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ސެކިއުރިޓީ އޮފިސަރ ސަޕޯޓް ސްޓާފްކަމުގެ މަގާމުގައެވެ.

މުޙައްމަދު ސަޢީދު އަޙްމަދު، ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ މަސައްކަތަށް ކަމޭހިއްތަވައިގެން ފަރުވާތެރިކަމާއެކުގައެވެ. ސިފައިންގޭގައި ޚިދުމަތްކުރެއްވި ދުވަސްވަރުގެ ތެރޭގައި ދިމާވި ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލައާ ގުޅިގެން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މުޙައްމަދު ސަޢީދު އަޙްމަދު، މިހާރު އަދާކުރައްވަމުން ގެންދަވާ ސެކިޔުރިޓީ އޮފިސަރުގެ މަގާމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން ގެންދަވަނީ ވަރަށް ޒިންމާދާރުކަމާއެކު އެހާމެ ފަރުވާތެރިކަމާއެކުގައެވެ.

ސިފައިންގޭގައި ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވި، ނޮވެންބަރު 3 ގެ މެޑެއްޔާއި، ސައްތައިގެ މެޑެލް މުޙައްމަދު ސަޢީދު އަޙްމަދަށް ލިބިވަޑައިގެންފައި ވެއެވެ. އަދި އަޚްލާޤީ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަވެސް ލިބިވަޑައިގެންފައި ވެއެވެ.

މުޙައްމަދު ސަޢީދު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.