އަލްފާޟިލް މުޙައްމަދު ބަޝީރު
ގޯލްޑަންލީފް ސ. މަރަދޫފޭދޫ

މުޙައްމަދު ބަޝީރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އިސްކަންދަރު ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އެއީ، 1980 ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު ކުރެއްވީ، އެ ސްކޫލުގެ ގޯތިތެރެއާއި، ކްލާސް ރޫމްތައް ކުނިކަހައި، ފޮޅައި ސާފު ކުރެއްވުމުގެ މަސައްކަތެވެ. އަހަރަކަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ނޯދަން ރީޖަނަލް އޮފީހުގައާއި، ސަދަން ރީޖަނަލް އޮފީހުގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، 1983 މާރިޗު 2 ވަނަ ދުވަހު، މާލޭ މުނިސިޕަލްޓީގެ ދެނަންބަރު ކާތިބުކަމުގެ މަގާމަށް ބަދަލުވެވަޑައިގަތެވެ. 3 އަހަރަށްވުރެ ގިނަދުވަހު މުނިސިޕަލްޓީގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެވަނަ ފަހަރަށް، ސަދަން ރީޖަނަލް އޮފީހުގެ އިންސްޕެކްޓަރުގެ މަގާމަށް ބަދަލުވެވަޑައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ބަޝީރު، އިސްކަންދަރު ސްކޫލުގައި ވަޒީފާ އަދާކުރެއްވިއިރުއާއި، ނޯދަން ރީޖަނަލް އޮފީހާއި، ސަދަން ރީޖަނަލް އޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، އޮފީސްތަކަށާއި، އާންމު ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ޙަވާލު ކުރެއްވުމާއި، އެ އޮފީހަށް އެކި ބޭނުންތަކުގައި ވަޑައިގަތުމަށް ދަންނަވަންޖެހޭ ބޭފުޅުންނަށް ޗިޓް ހަވާލު ކުރެއްވުމުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވިއެވެ. މާލޭ މުނިސިޕަލްޓީގައި ވަޒީފާ އަދާކުރެއްވިއިރު، ރާއްޖޭގެ ރަށްރަށުން މާލެ ފައިބަން އަންނަ މީހުންގެ ރަޖިސްޓަރީ ހައްދަވައި، އެމީހުންނާ ހަވާލު ކުރެއްވުމާއި، ރަޖިސްޓަރީ ބެލެހެއްޓެވުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމަވައި، ހަވާލު ކުރަންޖެހޭ ފަރާތްތަކަށް އެ ރަޖިސްޓަރީތައް ހަވާލު ކުރެއްވުމުގެ މަސައްކަތްތައް ވަރަށް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ކުރެއްވިއެވެ.

މުޙައްމަދު ބަޝީރަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގައިވެސް ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ ކުންފުނީގެ ޕިޔޯނަކަށް ބަދަލުވެވަޑައިގަތީ، 1992 ޖުލައި 5 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ އޮފިސަރުގެ މަގާމާއި، ސީނިއަރ އޮފިސަރުގެ މަގާމާއި، ކަސްޓަމަރ ސަރވިސް އޮފިސަރުގެ މަގާމާއި، ކާތިބު ކަމުގެ މަގާމު އަދާކުރެއްވިއެވެ. އެތާނގައި ފުރަތަމަ ކުރެއްވީ، އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި ފައިސާ ހަވާލު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ ފަހުން ކާތިބަކަށް ބަދަލުވެވަޑައިގަތުމުން، ދުވަހުން ދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާ ލިޔުއްވުމާއި، ސިޓީ ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވިއެވެ. އަދި އެތާނގެ ސެކިއުރިޓީވެސް ބެލެހެއްޓެވިއެވެ. މެދުނުކެނޑި 18 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 16 ޖޫން 2011 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮފީސް އެސިސްޓެންޓުގެ މަގާމަށް ބަދަލުވެވަޑައިގަތެވެ.

މުޙައްމަދު ބަޝީރަކީ، ޔުނިވަރސިޓީން ޙަވާލުކުރާ މަސްއޫލިއްޔަތުތައް ޤާބިލުކަމާއި ފަރުވާތެރިކަމާއެކު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މައިގަނޑު ގޮތެއްގައި ކުރައްވަމުން ގެންދަވަނީ، އެކިއެކި ފަރާތްތަކަށް ހަވާލު ކުރަންޖެހޭ ސިޓީއާއި ފައިސާ ހަވާލުކުރެއްވުމުގެ މަސައްކަތެވެ. މުޙައްމަދު ބަޝީރަކީ، ޔުނިވަރސިޓީން ކުރިއަށް ގެންދަވާ ޙަރަކާތްތަކުގައި ވަރަށް ފުރިހަމައަށް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޔުނިވަރސިޓީގެ ލަނޑުދަނޑިތައް ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

މުޙައްމަދު ބަޝީރު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.