އަލްފާޟިލް އިބްރާހީމް މުޢާޛު
ރޮބިންސް ދ. ރިނބުދޫ

އިބްރާހީމް މުޢާޛު، ދ.އަތޮޅު ރިނބުދޫ އޮފީހުގެ ކާތިބުކަމުގެ މަގާމުގައި، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 12 އޮގަސްޓު 1979 ގައެވެ. 39 އަހަރަށްވުރެ ގިނަ ދުވަހު ދ.އަތޮޅު ރިނބުދޫ އޮފީހާއި، ކައުންސިލް އިދާރާގެ އެކި މަގާމުތަކުގައި ހުންނަވައިގެން ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވައިފައި ވެއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ރިނބުދުއަށް ދިމާވި ހިތާމަވެރި ކަންކަމުގެ ތެރޭގައި، ރަށުގެ ބައެއް ވެރިންނާއެކު ރައްޔިތުން އެހެން ރަށަކަށް ބަދަލުވިނަމަވެސް، އަމިއްލަ ރަށް ދޫނުކުރައްވައި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރެއްވުމުގައި އުންމީދާއެކު، އިބްރާހީމް މުޢާޛު ރަށުގައި ސާބިތުވެ ހުންނެވިއެވެ. އަދި ރައްޔިތުންނަށް ވިސްނަވައިދެއްވައިގެން ޙިކްމަތްތެރިކަމާއެކު މަސައްކަތްކުރައްވައިގެން މާޔޫސްވެފައި ތިބި ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައިދެއްވުމުގައި މުހިންމު ދައުރެއްވެސް އަދާކުރެއްވިއެވެ.

އިބްރާހީމް މުޢާޛު، ރިނބުދޫގެ ތަރައްޤީއަށް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ރަށުގައި ބަނދަރެއް ހެދެންދެން، ވަކަރާއި ސިމެންތި މުޑިޖަހައިގެން އޭގެ މަތީގައި ފިލާއަޅާފައި ފާލަމެއް ހައްދަވައި، ރައްޔިތުންނަށް ލުއިފަސޭހަ މަގަކުން ރަށަށް އަރައި ފޭބޭނެ މަގު ފަހިކޮށްދެއްވައިފައިވެއެވެ. ހަމައެއާއެކު، ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން އެކިއެކި ފަރާތްތަކުން އެހީ ހޯއްދަވައިގެން ރަށްކުރިއަރުވާ ކޮމިޓީގެ މަޝްވަރާއާއި ލަފާގެ މަތިން ރަށުގެ ނެރު ފުންކުރައްވައި، 100 ފޫޓުގެ ތޮށިގަނޑެއްވެސް ލައްވައިފައި ވެއެވެ.

އިބްރާހީމް މުޢާޛު، ޚިދުމަތުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި އެހީތެރިވެދޭނެ މުވައްޒަފުން ވަރަށް މަދެވެ. އެހެންނަމަވެސް، މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުވައިދެއްވުމުގައި ބުރުލެއް ނާރާނެ ގޮތަކަށް ކަންކަން ރާއްވަވައިގެން ހިންގަވައިފައި ވެއެވެ. އަދި މުވައްޒަފުން ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

އިބްރާހީމް މުޢާޛު ރިނބުދޫ އޮފީހުގައި ކާތިބުކަމާއި، ސީނިއަރ ކްލާކްކަމާއި، ސެކްރެޓެރީކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަން ކުރައްވައިފައި ވެއެވެ. ލާމަރުކަޒީ ނިޒާމު ތަޢާރުފުވެގެން ރަށު އޮފީސްތައް ކައުންސިލްތަކަށް ބަދަލުވުމުން، އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަގާމުވެސް ފުރުއްވައިފައިވެއެވެ.

އިބްރާހީމް މުޢާޛު ވަނީ، ރިނބުދުއަށް މިއަދު އައިސްފައިވާ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މަސައްކަތްތައް ކުރައްވައިފައިވަނީ، މުޅި ރަށުގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނޭގޮތަށެވެ.