އަލްފާޟިލާ ލަޠީފާ ޢަލީ
ގ. މާލެހިޔާ 1 04-15

ލަޠީފާ ޢަލީ، ދިވެހި ސަރުކާރުގެ ޚިދުމަތުގައި 39 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވިއިރު، އޭގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާގައި ލަޠީފާ ޢަލީ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ވަރުވާއަށް ދޫކުރާ ރަށްރަށުގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، ވަރުވާއަށް ދޫކުރާ ރަށްރަށުގެ އެގްރީމެންޓުތަކުގައި ސޮއިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، އެކި ފަރާތްތަކަށް ވަރުވާއަށް ރަށްރަށް ދޫކުރެވުނުކަން އަންގަންޖެހޭ ފަރާތްތަކަށް އެންގެވުން ފަދަ ތަފާތު އެތައް މަސައްކަތަކާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ ވަރުވާގެ ގޮތުގައި، ރަށްރަށް ވަރުވާއަށް ނަންގަވާފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދައްކަވަމުން ގެންދަވާތޯ ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ.

ލަޠީފާ ޢަލީ، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 16 ފެބުރުވަރީ 1982 ގައި ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެ ފަހުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާއާއި އައިޑެންޓިޓީ ކާޑު ޔުނިޓުގައި ކާތިބުކަމުގެ މަގާމު އަދާކުރައްވައިފައިވެއެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސެކްރެޓެރީ ކަމުގެ މަގާމަށް 18 އޮކްޓޫބަރު 1986 ގައި ބަދަލުވެވަޑައިގަތީއްސުރެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެ މިނިސްޓްރީގައެވެ. އެ މިނިސްޓްރީގެ ސީނިއަރ ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުވެސް ލަޠީފާ އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ލަޠީފާ ޢަލީ އަކީ، އެ މިނިސްޓްރީގެ އަންދާސީ ހިސާބުތައް ބަލާ ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ލަޠީފާ ޢަލީ ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ އެގްރިކަލްޗަރަލް ޑިވިޜަން، އަން އިންހެބިޓެޑް އެންޑް ލެގޫންސް ސަރވިސް، ފޮރަސްޓްރީ ސަރވިސް ޔުނިޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.

ލަޠީފާ ޢަލީއަކީ، އެކި މިޒާޖުގެ ބޭފުޅުންނާއެކު ވަރަށް އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ލަޠީފާ ޢަލީ ވަނީ، މާލެއިން މީދާ މަދުކުރުމުގެ ޕްރޮގްރާމް ފަދަ ޕްރޮގްރާމްތަކާއި، ދަނޑުވެރިކަމުގެ ރިސާރޗްތައް ހެދުމަށްޓަކައި މާލޭގައި ނާރސަރީ ގާއިމުކުރުމުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ލަޠީފާ ޢަލީ ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާގެ އިދާރީ މަސައްކަތްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ މަސައްކަތްތައްވެސް ކުރައްވައިފައެވެ.