އަލްފާޟިލް ޙުސައިން ނަޖުމީ
ވ. ބޮނިޓޯ

މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭމްޕް ޑްރައިވަރެއްގެ ވަޒީފާއިން ދައުލަތުގެ ޚިދުމަތް، 25 އޮކްޓޫބަރު 1981 ގައި ފެށްޓެވި ޙުސައިން ނަޖުމީއަކީ، މިވޭތުވެދިޔަ 39 އަހަރަށްވުރެ ދިގު މުއްދަތުގައި އެއަރޕޯޓަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޙުސައިން ނަޖުމީއަކީ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި، ބޮޑެތި މަތިންދާބޯޓުފަހަރު، ވައިގެ ބަނދަރަށް ޖެއްސުމަށްޓަކައި، ދިވެހި ސަރުކާރުން ޖަރުމަނުވިލާތަށް ފޮނުއްވައިގެން ތަމްރީނު ކުރެއްވި 6 ދިވެހިންގެ ތެރެއިން ތަމްރީނު ފުރިހަމަކުރައްވައި، މިވަގުތު އެއަރޕޯޓުގެ ވަޒީފާގައި ހުންނެވި ހަމައެކަނި މުވައްޒަފެވެ. މީގެއިތުރުން، އެހެން ބައެއް ޤައުމުތަކުންވެސް ވަނީ ތަމްރީނު ހޯއްދަވައިފައެވެ.

ޙުސައިން ނަޖުމީ، އެއަރޕޯޓުގެ ވަޒީފާއަށް ވެދެވަޑައިގަތީއްސުރެ، މިއަދާ ހަމަޔަށް ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ރޭމްޕް ސަރވިސަސްގެ މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، މަތިންދާބޯޓުފަހަރަށް ވެހިކަލާއި، އެކި އިކްއިޕްމަންޓްތަކުން ދެވޭ ޚިދުމަތުގެ ފެންވަރު IATA ނުވަތަ ICAO އިން ކަނޑައަޅާ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި "ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ" އަށް ބަދަލުތަކާއި އިޞްލާޙުތައް ގެންނެވުން ހިމެނެއެވެ. މީގެއިތުރުން، ރީޖަނަލް އެއަރޕޯޓުތަކަށާއި، އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރައްވައިފައި ވެއެވެ. ދިވެހިރާއްޖޭގައި ސަރުކާރުން ތަރައްޤީ ކުރައްވައިފައިވާ އެއަރޕޯޓުތަކުގެ ތެރެއިން ޙުސައިން ނަޖުމީގެ ފަންނީ ލަފާ ނުވަތަ އެނޫން އެހެން ގޮތްގޮތުންވެސް އެހީތެރިކަމެއް ނުދެވޭ އެއަރޕޯޓެއް މަދުވާނެކަން ޙުސައިން ނަޖުމީ ފާހަގަކުރައްވައެވެ.

އޭވިއޭޝަން ދާއިރާގައި ޙުސައިން ނަޖުމީ މި ހޭދަކުރެއްވި ދިގު މުއްދަތުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކުގައިވެސް، އެ ދާއިރާގައި ޤާބިލް އަދި ތަޖުރިބާހުރި މުވައްޒަފުން ބިނާކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ.