އަލްފާޟިލް ޢަބްދުﷲ ސަޢީދު އިބްރާހީމް
ސްވީޓްހާރޓް ވ. ފެލިދޫ

ޢަބްދުﷲ ސަޢީދު އިބްރާހީމަކީ، ސަރުކާރަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، ވ.އަތޮޅު އޮފީހުގެ ބަނޑޭރިކަމުގެ ވަޒީފާއެވެ. އޭގެފަހުން، ފެލިދޫ ކަތީބުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަން ކުރައްވައިފައި ވެއެވެ.

ވ. އަތޮޅު އޮފީހުގެ ބަނޑޭރިކަމުގެ މަގާމުގައި ހުންނެވިއިރު، ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ، އަތޮޅުތެރޭގެ ރަށްރަށަށް ވޯކީޓޯކީން ގުޅުއްވުމެވެ. ގުޅުއްވާ ގަޑިތަކުގައި، ރަށްރަށުގެ މަސް ރިޕޯޓް ނެންގެވުމާއި، ރަށްރަށަށް ފޮނުއްވަން ހުންނަ މެސެޖުތައް ފޮނުއްވުމާއި، ރަށްރަށުން މެސެޖް ނެންގެވުމުގެ މަސައްކަތެވެ.

ފެލިދޫ ކަތީބު ކަމުގައި ޢަބްދުﷲ ސަޢީދު އިބްރާހީމް 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، ފެލިދޫގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ޢަބްދުﷲ ސަޢީދު އިބްރާހީމް ވަނީ ކޮށްދެއްވައިފައެވެ.

މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ފެލިދޫ ރައްޔިތުންގެ ޚަރަދުގައި ދެފަހަރެއްގެ މަތިން ދެ އިންޖީނުގެ ބިނާކޮށް، ދެ ސައިޒެއްގެ ދެ ޖެނެރޭޓަރ، ރައްޔިތުންގެ ޚަރަދުގައި ގަނެ، މިކަމާ ގުޅޭ އެންމެހައި މަސައްކަތްތައް ހިންގެވުމުގައި އިސްކޮށް ހުންނަވައިގެން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދެއްވުމުގައި މުހިންމު ދައުރެއް، ޢަބްދުﷲ ސަޢީދު އިބްރާހީމް އަދާކުރައްވައިފައި ވެއެވެ. އަދި ފެލިދޫ ދެކުނު ފަރާތުގައި ފަތުރުވެރިން އަރައި ފޭބުމަށްޓަކައި ދެ ފާލަމެއް އެޅުމުގެ މަސައްކަތްވެސް ޢަބްދުﷲ ސަޢީދު އިބްރާހީމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސްފައި ވެއެވެ. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން، ޖަމާޢަތްތެރިކަން ކިޔަވައިދެއްވުމާބެހޭ ކޯހެއް، ފެލިދޫ އޮފީހުގެ ފަރާތުން ހިންގެވިއިރު، އެ ކޯހުގައި ކިޔަވައިދެއްވީވެސް ޢަބްދުﷲ ސަޢީދެވެ.

ފެލިދޫގައި ކުރިން އިމާރާތްކޮށްފައިހުރި ހުކުރު މިސްކިތް ބާވެ، ވީރާނާވަމުންދާތީ، އެ މިސްކިތުގެ ބަދަލުގައި، ޢަބްދުﷲ ސަޢީދު އިސްނަންގަވައިގެން، ހެޔޮއެދޭ ފަރާތަކުން ފެލިދޫގައި އާ މިސްކިތެއް އިމާރާތްކޮށް ނިންމެވީ، ޢަބްދުﷲ ސަޢީދުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޢަބްދުﷲ ސަޢީދުގެ އަމިއްލަފުޅު އިސްނެންގެވުމަކަށް ޢާއިލާގެ ޚަރަދުގައި މަސްވެރިންނަށާއި ދަތުރުވެރިންނަށް ފެން ދޫކުރެއްވުމުގެ ގޮތުން ފެން އިސްކުރުބަރިއެއް ހަރުކުރައްވައި، ފެން ދޫކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މި ފެން އިސްކުރުބަރީގެ ޚިދުމަތް މިއަދުވެސް، ފެލިދޫގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.

ޢަބްދުﷲ ސަޢީދު އިބްރާހީމަކީ، ރައްޔިތުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ރައްޔިތުންނަށް ދިމާވާ މުހިންމު ކަންކަމުގައި، ވެވަޑައިގެންނެވި ވަރަކުން އެހީތެރިވެދެއްވި ބޭފުޅެކެވެ.