އަލްއުސްތާޛު އަޙްމަދު މުޙައްމަދު
ހ. ނަދުވާ

އަލްއުސްތާޛު ޢަހްމަދު މުޙައްމަދު ވަނީ ދައުލަތުގެ އިދާރާތަކާއި، ވުޒާރާތަކުގައި އިސް މަގާމުތައް ފުރުއްވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވައިފައެވެ. އަޙްމަދު މުޙައްމަދު، ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ.

އަޙްމަދު މުޙައްމަދު ވަނީ އެޓަރނީޖެނެރަލްގެ ނައިބުކަމާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ނައިބުކަމާއި، މިނިސްޓަރ އޮފް ޖަސްޓިސްގެ ނައިބުކަމުގެ މަގާމު ފުރުއްވައިފައެވެ. އަދި ޅ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، ނައިފަރު ދާއިރާގެ މެންބަރުކަމުގައިވެސް އިތުރު ދައުރެއް ފުރިހަމަ ކުރެއްވިއެވެ. މީގެ އިތުރުން، ވ.އަތޮޅުގެ އަތޮޅުވެރިކަމާއި، ގދ. އަތޮޅުވެރިކަންވެސް ކުރެއްވިއެވެ.

އަޙްމަދު މުޙައްމަދު ދައުލަތަށް ޚިދުމަތްކުރައްވަން ފަށްޓަވައިފައިވަނީ، ކަސްޓަމްސްގެ 1 ނަންބަރު ކާތިބުކަމުގައި 4 މޭ 1974 ގައެވެ. ފުރުއްވައިފައިވާ އެހެނިހެން މަގާމުތަކުގެ ތެރޭގައި، ޓްރެޜަރީ ޑިވިޜަންގެ ސެކްރެޓެރީކަމާއި، އެޓަރނީޖެނެރަލްގެ އޮފީހުގެ އެހީތެރިޔާކަމާއި، އެ އޮފީހުގެ ސީނިއަރ އެހީތެރިޔާކަމާއި، ކޯޓު ނަންބަރު 6 ގެ ޤާޟީގެ އެހީތެރިޔާކަމާއި، އެ ކޯޓުގެ ޤާޟީކަމާއި، ކޯޓު ނަންބަރު 4 ގެ ޤާޟީކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމާއި، ކޯޓު ނަންބަރު 4 ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމާއި، ކޯޓު ނަންބަރު 1 ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމާއި، އެޓަރނީޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޕަބްލިކް ޕްރޮސެކިއުޝަންކަމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޕްރޮސެކިއުޝަންކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ލީގަލް ކައުންސެލްގެ މަގާމު ހިމެނެއެވެ.

ޤާނޫނީ އަދި ޝަރުޢީ ދާއިރާ ތަރައްޤީކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް އަޙްމަދު މުޙައްމަދު ކުރައްވައިފައި ވެއެވެ. އެގޮތުން، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޯޓުތަކުގައި ދެވޭ ޚިދުމަތްތައް ހަލުވިކަމާއެކު ދިނުމަށްޓަކައި މައްސަލަތައް ހުށަހެޅުމަށް ފަސޭހަވާނެ ގޮތްތައް ހަމަޖައްސަވައިދެއްވުންފަދަ ގިނަ ކަންތައްތަކެއް ކުރައްވައިފައި ވެއެވެ. އަދި ރަށްރަށުގައި އެޓަރނީޖެނެރަލްގެ އޮފީހުގެ ގޮފިތައް ގާއިމުކުރެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ.

ޤާނޫނީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން ޒަމާނާ އެއްގޮތަށް ޤާނޫނުތައް އެކުލަވައިލެއްވުމަށް އަޙްމަދު މުޙައްމަދު ގިނަގުނަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ކުރައްވައިފައި ވެއެވެ. މިގޮތުން މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުލްޢުޤޫބާތު އެކުލަވައިލެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އަތޮޅުވެރިކަން ކުރެއްވިއިރު، އެ އަތޮޅުތަކުގެ ޙާލަތު ރަނގަޅުކުރެއްވުމަށްވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ބިނާކުރަނިވި ހަރުދަނާ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަޙްމަދު މުޙައްމަދު ވަނީ ކުރައްވައިފައެވެ. މިގޮތުން، ޤާޟީން ތަމްރީނުކޮށްދެއްވުމާއި، ޝަރީޢަތްތަކާއި، ތަޙުޤީޤުތައް ހިންގެވުމަށާއި ފުރިހަމަކުރެއްވުމަށް އެޓަރނީޖެނެރަލްގެ އެހީތެރިން ތަމްރީނުކޮށްދެއްވުމާއި، ތަރިކައިގެ މައްސަލަތައް ބަލައި ނިންމާނޭ ގޮތުގެ ފަންނީ ތަމްރީނު، ޤާޟީންނަށް ދެއްވުން ފަދަ މުހިންމު މަސައްކަތްތައްވެސް އަޙްމަދު ކުރައްވައިފައި ވެއެވެ. އަޙްމަދު މުޙައްމަދަކީ، މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި ފަރުވާތެރިކަމާއެކު ކަމަށްކަމޭހިއްތަވައިގެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

އަޙްމަދު މުޙައްމަދަކީ، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އިދާރީ މީހުން ބިނާކުރެއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިގޮތުން އެކިއެކި ސަނަދުތައް ނެގުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުތައް ދެއްވައިގެން، ގިނަ ބަޔަކު ދައުލަތުގެ ޚިދުމަށް ނުކުތުމަށް މަގުފަހިކޮށްދެއްވިއެވެ.