މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުލްވައްހާބް ޙަސަންފުޅު
ތަރިވިދާގެ ތ. ތިމަރަފުށި

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުލްވައްހާބް ޙަސަންފުޅަކީ، ޝަރުޢީ ދާއިރާގައި 40 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޝަރުޢީ ދާއިރާގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރެއްވި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރައްވައި ކޯޓުތަކުން ދޭ ޚިދުމަތްތައް ހަލުވިކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުލްވައްހާބް ޙަސަންފުޅު ދައުލަތަށް ޚިދުމަތަށް ނުކުމެވަޑައިގެންނެވީ، ނިޔާކަނޑައެޅުމުގެ ސަނަދު ހާސިލުކުރެއްވުމަށްފަހުގައި، 8 އޮކްޓޫބަރު 1973 ގައި ތ.އަތޮޅުކޯޓުގެ ޤާޟީކަމުގެ މަގާމުންނެވެ. އޭގެފަހުން، ތިމަރަފުށީ ކޯޓުގެ ޤާޟީކަމުގެ މަގާމާއި، މެޖިސްޓްރޭޓްކަމުގެ މަގާމާއި، ސީނިއަރ މެޖިސްޓްރޭޓްކަމުގެ މަގާމާއި، ކޯޓުނަންބަރު 3 ގެ ޤާޟީކަމާއި، ކޯޓުނަންބަރު 1 ގެ ޤާޟީކަން ކުރެއްވިއެވެ.

ކޯޓުގެ ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން ޢަބްދުލްވައްހާބް ޙަސަންފުޅު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން، ތިމަރަފުށީގައި ރަށުކޯޓު ހިންގުމަށް ވަކި ޢިމާރާތެއް އަޅުއްވައި، ޒަމާނީ ވަސީލަތްތައް ހޯއްދަވައި، އެތަނުގައި ޝަރުޢީ އަދި ޤާނޫނީ މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުން ހިމެނެއެވެ. ހަމައެއާއެކު، އިތުރު މުވައްޒަފުން ހޯއްދަވައިގެން ތަނުން ދޭ ޚިދުމަތްތައް އަވަހަށް ދެވޭނެ މަގުވެސް ފަހިކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ޝަރުޢީ ދާއިރާގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް ބާވަތެއްގެ މައްސަލައެއް ބައްލަވައިފައިވެއެވެ.

ޢަބްދުލްވައްހާބް ޙަސަންފުޅު ވަނީ، ފަންނީ މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖަސްޓިސްއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދެވި، ރަށު ކޯޓުތަކުގެ ޤާޟީން ތަމްރީނުކުރުމުގެ ކޯހާއި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަސައްކަތު ބައްދަލުވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގެވި، ހިންގުމުގެ ހުނަރުތަކާބެހޭ ތަމްރީނު ޕްރޮގްރާމާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން ހިންގެވި ތަރިކަ ބެހުމާބެހޭ ކޯހުގައި ބައިވެރިވެވަޑައިގެންފައެވެ.

ޢަބްދުލްވައްހާބް ޙަސަންފުޅަކީ، އިޚްލާޞްތެރި ޚިދުމަތްތަކެއް ޝަރުޢީ ދާއިރާގައި ކުރެއްވުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތީން ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ޝަރުޢީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ސާބިތުވެ ހުންނަވައިގެން ކުރައްވައިފައިވާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، [މެޖިސްޓްރޭޓް ރިޓަޔަރޑް]ގެ ލަޤަބު ދެއްވައި ތަކްރީމް ކުރައްވައިފައިވާ ބޭފުޅެކެވެ.