އަލްފާޟިލް ޢަލީ ޒާހިރު
ގުލްހަޒާރުގެ ތ. ބުރުނި

ޢަލީ ޒާހިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ވަރަށް ޒުވާން އުމުރުގައެވެ. އޭރު އުމުރުން އެންމެ 13 އަހަރެވެ. ބުރުނީގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަމުގައި ޚިދުމަތް ފެށްޓެވީ، ބުރުނީ އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާއިން 6 ނޮވެންބަރު 1979 ގައެވެ. ޢަލީ ޒާހިރަކީ، ރަށު އޮފީހުގައި ކުރަންޖެހުނު ހުރިހާ މަސައްކަތްތަކެއް ކުރެއްވުމުގައި ޝާމިލުވި ބޭފުޅެކެވެ. 29 ޑިސެންބަރު 2012 ގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުވެވަޑައިގަތުމާ ހަމައަށް، ބުރުނީގެ ތަރައްޤީއަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއްގައި ޢަލީ ޒާހިރު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. 2008 ވަނަ އަހަރު، ވެރިކަން ހިންގުމުގެ ނިޒާމަށް އައި ބަދަލާ ގުޅިގެން، ޢަލީ ޒާހިރު ފަހުން މަސައްކަތް ކުރެއްވީ ބުރުނީ ކައުންސިލްގެ އިދާރާގައެވެ.

އެންމެ އާދައިގެ މަގާމަކަށް ބުރުނީ އޮފީހަށް ވެދެވަޑައިގެންނެވި ޢަލީ ޒާހިރު، އެ އޮފީހުގައި ތަފާތު މަގާމުތައް ފުރުއްވަމުންގޮސް، ބުރުނީ ބޮޑުކަތީބުކަން ކުރެއްވިއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަށުއޮފީސް ހިންގެވުމުގެ އިތުރުން، އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި، ރަށުގައި ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މައްސަލަތަކާއި، އިޖުތިމާޢީ މައްސަލަތައް ދުވަހުން ދުވަހަށް ބައްލަވައި ޙައްލުކުރައްވައި، ކަންކަން ނިންމަވަމުން ގެންދެވީ، ވިސްނުންތެރިކަމާއި، ޒިންމާދާރުކަމާއެކު، ކަމަށް ކަމޭހިއްތަވައިގެންނެވެ.

އަތޮޅު އޮފީހާއި، ސަރުކާރުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، 2004 ވަނައަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ވިލުފުށި ވީރާނާވެގެން ދިޔުމުގެ ސަބަބުން، ވިލުފުށީގެ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހުނު މީހުން ބުރުންޏަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން ބުރުނީގައި އެމީހުން ޤާއިމުވެ ތިބޭނެ ހުރިހާ އިންތިޒާމުތަކެއް ޢަލީ ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހަމަޖެއްސެވި ހަމަޖެއްސެވުމެވެ. ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ ކަންތަކާއި، ޞިއްޙީ ފަރުވާގެ ހުރިހާ ކަންތަކެއް ބުރުނީގެ ރައްޔިތުންނާ އެއްހަމައެއްގައި، ތަފާތުކުރުމެއްނެތި ހަމަޖައްސަވައިދެއްވީ، ޒިންމާދާރުކަމާއި، އިޚްލާޞްތެރިކަމާއެކުގައެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީފާއިން މާލެއަށް ބަދަލުވެވަޑައިގެން ފުރަތަމަ ކުރެއްވީ، ވެށިފަހި މާލެ ޕްރޮގްރާމުގެ އޮފީސް ހިންގެވުމުގެ މަސައްކަތެވެ. އޭގެ ފަހުން، ސަރުކާރުގެ އޮނިގަނޑަށް އަންނަ ބަދަލާ ގުޅިގެން މިނިސްޓްރީގެ ނަމަށް ބަދަލު އައިނަމަވެސް، ޢަލީ ޒާހިރު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަބްލިކް ސަރވިސް ޑިޕާޓްމަންޓުގެ ރީޖަނަލް ސެކްޝަންގެ ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އެ މިނިސްޓްރީން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޕަބްލިކް ވަރކްސް ޔުނިޓުތަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓެވުމާއި، ބިލްޑިންގ މެއިންޓެނަންސް ޔުނިޓު ހިންގެވުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، ދުރާލައި ކުރަންޖެހޭ ކަންތައް ކުރެއްވުމުގައި އިސްނަންގަވައިގެން ޢަލީ ޒާހިރު ޚިދުމަތް ކުރައްވަމުން ގެންދަވައެވެ. ރަށްރަށުގައި ސަރުކާރުން ހިންގަވާ މަގުހެދުމާއި، ކުޅިވަރުކުޅޭ ތަންތަން ޤާއިމުކުރުމާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް، ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެޅުއްވުމާއި، ވިލަރެސް ކުރެއްވުމުގެ ކަންކަން ހިނގަމުންދަނީ، ޢަލީ ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ. ޢަލީ ޒާހިރު ވަނީ، 41 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.