އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީ
މިސްކިތްމަގު. ލީނާ ޏ. ފުވައްމުލައް

މުޙައްމަދު އިބްރާހީމްދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 4 ފެބުރުވަރީ 1979 ގައި، ޏ.ފުވައްމުލަކު ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 41 އަހަރަށްވުރެ ގިނަ ދުވަހު ކޯޓުގައި ޚިދުމަތް ކުރެއްވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގަތީ 31 އޮކްޓޫބަރު 2020 ގައެވެ. އޭރު ހުންނެވީ، އޮފީސް އެސިސްޓެންޓް ކަމުގެ މަގާމުގައެވެ.

މުޙައްމަދު އިބްރާހީމްދީދީ ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްތައް ރަނގަޅަށް އޮޅުންފިލުއްވައިގެން، ކަމަށްކަމޭހިއްތަވައިގެންނެވެ. ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ދަތި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވަނީ، ކޯޓަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކޯޓަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރެއްވުމުގެ މަސައްކަތެވެ. ބައެއް ފަރާތްތަކަށް ކޯޓަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރުމުގެ ތެރޭގައި، ދަތިކަންކަމާ ދިމާވިނަމަވެސް އެކަންކަމާ ކެރިގެން ކުރިމަތިލައްވައި، ކެތްތެރިކަމާއި ފަރުވާތެރިކަމާއެކު އެ މަސައްކަތް ކުރައްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހަކު، ރަށުން ބޭރަށް ހިނގައްޖެ ހާލަތެއްގައި އެމީހަކު ރަށަށް އެނބުރި އާދޭތޯވެސް ބައްލަވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމްދީދީ ކުރައްވައިފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާއާއި ސިޓީ ފަދަ ތަކެތި ރައްދުކުރުމުގެ މަސައްކަތާއި، ކޯޓަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ހޯދަންޖެހޭ މަޢުލޫމާތުތައް ހޯއްދެވުން ހިމެނެއެވެ.

މުޙައްމަދު އިބްރާހީމްދީދީއަކީ، ކޯޓުގެ ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ތަން ޒީނަތްތެރިކޮށް ބޭއްވުމަށް ސަމާލުކަން ދެއްވައިގެން ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ކޯޓުގެ ޢިމާރާތް ރަނގަޅަށް ބެލެހެއްޓެވުމާއި، ކޯޓުގެ ގޯތިތެރޭގައި ތަފާތު ވައްތަރުގެ ގަސްތައް އިންދަވައި ބަލަހައްޓަވައިފައިވެސް ވެއެވެ.

މުޙައްމަދު އިބްރާހީމްދީދީ، ކޯޓުގައި ވަޒީފާ އަދާކުރެއްވިއިރު ބައެއް ފަރާތްތަކަށް އެކި ކަންކަމުގައި އެހީތެރިކަންވެސް ވަނީ ފޯރުކޮށްދެއްވައިފައެވެ. މީގެ އިތުރުން، ޤައުމީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ރަށުގައި ގާއިމުވެފައިހުރި މުއައްސަސާތަކުން ރާވައި ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމްދީދީ ދެކެވަޑައިގަންނަވާ ގޮތުގައި، ވަޒީފާގައި ހުންނެވިއިރު ހާސިލު ކުރެއްވުނު އެންމެ ބޮޑު ކާމިޔާބީއަކީ، ވަޒީފާ އަދާކުރައްވަން ފެށްޓެވީއްސުރެން ފެށިގެން ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމަޔަށް އެއްތަނެއްގައި ވަޒީފާ އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. އަދި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، މުޙައްމަދު އިބްރާހީމްދީދީއަށް ކުރެއްވި އިތުބާރާއި ދެއްވި ޔަޤީންކަމެވެ. މުޙައްމަދު އިބްރާހީމްދީދީއަކީ، ފުވައްމުލަކު ކޯޓުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ބޭނުންވާ ކަންކަމުގައި ފުރިހަމަޔަށް އެއްބާރުލުން ދެއްވާ، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށްވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.