އަލްފާޟިލް އާދަމް ލަޠީފް
ވ. ވިލިހިޔާ

އާދަމް ލަޠީފަކީ، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އާދަމް ލަޠީފުގެ ޚިދުމަތް ފެށިގެންއައީ، އޯޑިޓް އޮފީހުގެ އޯޑިޓް އޮފިސަރ ޓްރޭނީއެއްގެ މަގާމުންނެވެ. އެއީ، 22 މޭ 1975 ގައެވެ. އެތާނގައި، ޖޫނިއަރ އޯޑިޓް ކްލާކްކަމާއި، އެކައުންޓެންޓެއްގެ މަގާމު އަދާކުރެއްވިއެވެ. 19 މާރިޗު 1980 ގައި ޓެލެވިޜަން މޯލްޑިވްސްގެ ޓެލެވިޜަން ޓްރާންސްމިޝަން ޓެކްނީޝަނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، ސަރުކާރުން ވަކިވެވަޑައިގަންނަވަންދެންވެސް ވަޒިފާ އަދާކުރެއްވީ، ޓެލެވިޜަން މޯލްޑިވްސްގައެވެ. އެތަނުގެ މެއިންޓެނަންސް ޓެކްނީޝަންކަމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަންކަމާއި، ސީނިއަރ ބްރޯޑްކާސްޓް ޓެކްނީޝަންކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި، މެނޭޖަރ، ޓްރާންސްމިޝަން ރިޕެއަރ އެންޑް މެއިންޓެނަންސްކަން ކުރައްވައިފައިވެއެވެ. އުމުރުން 65 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މެނޭޖަރ، ޓެކްނިކަލް އިކުއިޕްމަންޓުގެ މަގާމުގައެވެ.

އާދަމް ލަޠީފް، ޓީވީ މޯލްޑިވްސްގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއިރު ލައިވްކުރުމާއި، އައުޓްޑޯގައި އެއް ކެމެރާއަށްވުރެ ގިނަ ކެމެރާ ބޭނުންކުރުމަށް ބޭނުންކުރަމުން ގެންދިޔައީ، އިލެކްޓްރިކް ބޮކި ދިއްލަން ބޭނުންކުރާ ޓޫވޭ ސްވިޗެކެވެ. އެ ބޭނުންކުރެވެނީ ދެ ކެމެރާއަށެވެ. ލަޠީފަށް ވިސްނިވަޑައިގަތީ، އެއަށްވުރެ ރަނގަޅަށް އެކަން ކުރެވެންވާނެކަމަށެވެ. އެކަން ރަނގަޅުކުރެއްވުމަށްޓަކައި، ނީލަންފިހާރަދޮށަށް ވަޑައިގެން ބާ ރޭޑިއޯއެއްގެ ފިތްބަރިއާއި، ރިލޭ ސްވިޗެއް އަމިއްލަފުޅަށް ބައްލަވައިގަނެގެން ހަތަރު ކެމެރާ ބޭނުންކުރެވޭގޮތަށް ކަޓްސުވިޗެއް ތައްޔާރުކުރައްވައި، އޭގެ ބޭނުންކުރައްވަން ފެށްޓެވިއެވެ.

2006 ވަނައަހަރު މުޅި ރާއްޖެއަށް ޓީވީގެ ޚިދުމަތް ދެއްވުމަށް ފެށްޓެވި މަސައްކަތްތަކުގައްޔާއި، ވީޑިއޯ ސެންޓަރުތަކަށް ދިމާވާ ފްރިކުއެންސީގެ އެންޓަނާއެއް ފަރުމާކުރައްވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެންޓަނާއަކަށްވުރެ ގިނައިން އެންޓަނާ ތައްޔާރު ކުރައްވައި ފޮނުއްވުމުގެ ހުރިހާ މަސައްކަތެއް ކުރެއްވީ، އާދަމް ލަޠީފްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެމަސައްކަތުގައި ރެއާދުވާލުގެ ގިނަ ވަގުތުތަކެއް ހޭދަކުރެއްވީ، ޤައުމީ މަސައްކަތެއްކަމަށް ދެކެވަޑައިގެންނެވެ. މަސައްކަތަށް ފަރުވާތެރިވުމާއި، ކަމަށްކަމޭހިއްތެވުމާއި، ގަޑިނުޖެހި އޮފީހަށް ވަޑައިގަތުމާއި، ވަގުތަށް ކަންކަން ނިންމެވުމުގައި ލަޠީފަކީ، ނަމޫނާ ބޭފުޅެކެވެ.

އާދަމް ލަޠީފް، ޓީވީ މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި، މަސައްކަތާގުޅޭ ތަފާތު އެކި ތަމްރީނުތައް ރާއްޖެއިން ބޭރުން ވަނީ ފުރިހަމަ ކުރައްވައިފައެވެ. ލަޠީފް ފުރިހަމަކުރެއްވި ތަމްރީނު ކޯސްތަކުގެ ސަބަބުން، ޓީވީ މޯލްޑިވްސްގައި ބޭނުންކުރާ އިކުއިޕްމަންޓުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށާއި، އެތަކެތި މަރާމާތު ކުރުމަށް އެތައް ފަސޭހަތަކެއް ލިބިގެން ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.

އާދަމް ލަޠީފުގެ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، މަދްރަސަތުލް އިފްތިތާޙަށް 50އަހަރު ފުރުމުގެ މުނާސަބަތު ފާހާގަކުރެއްވުމުގެގޮތުން ބޭއްވެވި ރަސްމިއްޔާތު ރެކޯޑްކުރަން ގެންދެވި ވީސީއާރު ހަލާކުވުމުން، އެ މަރާމާތުކުރައްވައި އަލުން ބޭނުންކުރެއްވުމާއި، ޓީވީގެ ކޮންޓްރޯލް ރޫމްގެ ވީސީއާރުގެ ސްޕީޑް މައްސަލަ ދިމާވެ، ބަދަލުގައި ބޭނުންކުރާނެ ވީސީއާރެއް ނެތުމުން، ހަލާކުވި ވީސީއާރަށް ލެއްވުމަށް ވާރކްޝޮޕަކަށް ވަޑައިގެން ލޭތުކުރައްވައިގެން ސްޕެއަރއެއް ތައްޔާރުކުރައްވައި ބޭނުންކުރެއްވޭނެގޮތް އަމިއްލަފުޅަށް ހެއްދެވި ހެއްދެވުން ފާހަގަކޮށްލަންޖެހެއެވެ. އަދި އަތޮޅުތަކަށް ޓީވީއެމްގެ ސިގްނަލް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެންޓެނާ ޖެއްސެވުމުގެ މަސައްކަތުގައި 54 ދުވަސްވަންދެން ކުރެއްވި ބުރަ މަސައްކަތްތަކަކީ، ލަޠީފުގެ ޚިދުމަތުން ފާހަގަކޮށްލަންޖެހޭ މުހިންމު މަސައްކަތްތަކެވެ. އަދި 1990 ވަނައަހަރު ބޭއްވި ސާކް ސަމިޓާއި، މިނިވަން 25 އާއި، ޖުމްހޫރީ 30 ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުތައް ވަގުތުން ގެނެސްދެއްވުމަށްޓަކައި އާދަމް ލަޠީފް ކުރެއްވި މަސައްކަތްތައްވެސް ހަނދާންކޮށްލަންޖެހެއެވެ.