އަލްފާޟިލް އަޙްމަދު ސަލީމް
މ. މާހުރާ

އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 50 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޚިދުމަތުގައި އަޙްމަދު ސަލީމް ބައި ޤަރުނުވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. މިހާރުވެސް ހުންނެވީ އެ ދާއިރާގެ ޚިދުމަތުގައެވެ. ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ. މިގޮތުން ޚާރިޖީ ދާއިރާގައި އަޙްމަދު ސަލީމް ވަނީ އެކި ފަހަރުމަތިން މިހާތަނަށް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ. ފުރަތަމަ އަދާކުރެއްވީ ޔޫ.އެން. އޯގަނައިޒޭޝަނާބެހޭ ބައިގެ ސްޓެނޯ-ޓައިޕިސްޓް ކަމެވެ. އޭގެ ފަހުން ޚާރިޖީ ދާއިރާގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސް ޑިވިޜަންގެ އިނގިރޭސި ސެކްރެޓެރީކަމާއި، ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓް އޮފިސަރުކަމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް ޕްރޮޓޮކޯލް އޮފިސަރުކަމާއި، ވަކީލުކަމާއި، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްގެ ކައުންސިލަރު ކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަކީލުކަމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީކަން ހިމެނެއެވެ. އަދި ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނެޕާލަށް ކަނަޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ. މީގެ އިތުރުން، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރަކީވެސް އަޙްމަދު ސަލީމެވެ. ސާކްގެ ޑިރެކްޓަރުކަން އެއް ދައުރު އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ވަނީ ފުރުއްވައިފައެވެ. ޖުމްލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

އަޙްމަދު ސަލީމަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް ވަނީ ކުރައްވައިފައެވެ.

އަޙްމަދު ސަލީމް ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަޤްވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭރު ޤައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. މީގެއިތުރުން، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ އާ ގުޅިގެން ބޭރު ޤައުމުތަކާ މުވާޞަލާތުކޮށް، އެކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެއްވައި، އެހީ ހޯއްދަވައިދެއްވުމުގައި އަޙްމަދު ސަލީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

އަޙްމަދު ސަލީމަކީ، ދުނިޔޭގެ ޚާރިޖީ ކަންކަން ދިރާސާ ކުރެއްވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. މިގޮތުން ދުނިޔޭގެ ޚާރިޖީ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން ޚާއްޞަކޮށް، ދެކުނު އޭޝިޔާ ސަރަޙައްދުގެ މައްސަލަތަކާ ގުޅޭގޮތުން އެކި މަޒުމޫނާއި ލިޔުންތައް ނޫސްތަކުގައި ޝާއިޢު ކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚާއި އާދަކާދަތައް، އެ މިނިސްޓްރީއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އެ މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" މިވަގުތު ހިންގަވާ އިސްބޭފުޅަކީވެސް އަޙްމަދު ސަލީމެވެ. ޚާރިޖީ ދާއިރާގައި ޤާބިލު މުވައްޒަފުންތަކެއް އުފެއްދެވުމަށްވެސް ގިނަ މަސައްކަތްތަކެއް ސަލީމް ގެންދަވަނީ ކުރައްވަމުންނެވެ. ޒަމާނީ ފޮރިން ސަރވިސްއަކަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ ބަދަލުވުމުގައި އަޙްމަދު ސަލީމުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ސަލީމް ފާހަގަކުރެވެނީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެށްޓެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

އަޙްމަދު ސަލީމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންދާ 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

އަޙްމަދު ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި،ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިޔުރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ފުރުއްވައިފައިވެއެވެ.