މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު އިދުރީސް އާދަމް
މާޒް ހއ. އުލިގަން

އިދުރީސް އާދަމްގެ ޚިދުމަތް ފެށިގެންއައީ، އުމުރުން 19 އަހަރުގައި، އުލިގަމު މުދިންކަމުންނެވެ. އެއީ، 2 އެޕްރީލް 1961 ގައެވެ. އިދުރީސް އާދަމަކީ، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިކަމުގެ ސަނަދާއި، ނިޔާ ކަނޑައެޅުމުގެ ސަނަދާއި، ދީނިއްޔާތު މުދައްރިސްކަމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދުވެސް ހާސިލު ކުރައްވައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އެކި ވަޒީފާތައް އަދާކުރެއްވި ބޭފުޅެކެވެ. އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ޝަރުޢީ ދާއިރާގައެވެ. ދަސްކުރާ ޤާޟީއެއްގެ މަގާމުން ޝަރުޢީ ދާއިރާގެ ޚިދުމަތް ފެށްޓެވިފަހުން، ހއ.އަތޮޅު ކޯޓުގެ ވަގުތީ ޤާޟީކަމާއި، ހއ.ދިއްދޫ މުދިންކަމާއި، އުލިގަމު ކަތީބުކަމާއި، ހއ.އަތޮޅު ކޯޓުގެ ޤާޟީކަމާއި، އުލިގަމު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓްކަން ކުރައްވައިފައި ވެއެވެ. ދިއްދޫގައި މުދިންކަން ކުރެއްވީ، އުލިގަމު މީހުން ދިއްދުއަށް ބަދަލު ކުރެއްވުމާ ގުޅިގެންނެވެ.

އިދުރީސް އާދަމް އެންމެ ފާހަގަކޮށްލެވެނީ، އަތޮޅާއި ރަށުގެ އެކި މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އިސްނަންގަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން، އަމިއްލަފުޅު ޚަރަދުގައި، ރިޔަލު ދޯނިފަހަރުގައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވައިގެން، ރަށު ކޯޓުތަކަށް ހުށަހެޅިފައި ހުންނަ މައްސަލަތައް ބެއްލެވުމުގެ އިތުރުން، ރަށްރަށުގެ ކޯޓުތަކުގައި ހުރި މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް އެރަށްރަށުން އެދިވަޑައިގަތުމުން، އެރަށްރަށަށް ވަޑައިގެން މައްސަލަތައް ނިންމަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އިދުރީސް އާދަމަކީ، މަސައްކަތްކުރެއްވި ދާއިރާގެ އެންމެންގެ ރުހުމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ. އަބަދުވެސް ބެއްލެވީ އެއިރެއްގައި އެރަށަކަށް އެންމެ ބޭނުންވާ މުހިންމު ކަންކަމުގައި ކޮށްދެއްވެން އޮތް ކޮންމެ ޚިދުމަތެއް ކޮށްދެއްވުމަށެވެ. އަތޮޅާއި ރަށު ފެންވަރުގައި ކުރެވިފައިވާ ބޮޑެތި ގިނަ މަސައްކަތްތަކުގައި އިދުރީސް އާދަމަކީ، ހިލޭސާބަހަށް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މީގެތެރޭގައި، އަތޮޅުގެ ބައެއް ރަށްރަށުގެ ޗާޓުތައް ކުރެއްސެވުމުގެ މަސައްކަތްތަކާއި، ގޯތި ދޫކުރެއްވުމާއި، ގޯތިގޯތީގެ ޗާޓުތައް ކުރެއްސެވުމުގެ މަސައްކަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެވެ.