އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު
މާކޯނި މ. މުލި

ނަސީމާ މުޙައްމަދު ކަލޭފާނަކީ، މުލަކަތޮޅު މުއްޔަށާއި، މުޅި އަތޮޅަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި، 1971 ވަނަ
އަހަރު އަދާކުރެއްވީ، ހެލްތު ސެންޓަރުގެ ކާތިބާއެއްގެ ވަޒީފާއެވެ. އޭރު މިފަދަ ވަޒީފާތަކަށް މުސާރަ ދެއްވަނީ އަތޮޅުގެ ބަޖެޓުންނެވެ. އަތޮޅުގެ ބަޖެޓުން މުސާރަ ދެއްވާގޮތަށް ކާތިބާއެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުގެ ވަޒީފާއަކަށް ނަސީމާ ހަމަޖެހުނީ 8 އޮގަސްޓު 1978 ގައެވެ.

ފުރަތަމަ އަދާކުރެއްވީ، މ. އަތޮޅުއޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއެވެ. އޭގެފަހުން މ.އަތޮޅުއޮފީހުގެ ސެކްރެޓަރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ކަމާއި، އަތޮޅުވެރިޔާގެ މުޢާވިންކަންވެސް ކުރައްވައިފައި ވެއެވެ. އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، އަތޮޅުއޮފީހުގެ އިދާރީ އެންމެހައި ކަންތައް ކުރެއްވުމުގައި، ނަސީމާ ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އެންމެ ފުރަތަމަ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރެއްވިއިރު، އަތޮޅުގެ ރަށްރަށުން އަންނަ މެސެޖުތައް ނެންގެވުމާއި، އެ މެސެޖުތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ، މުވާޞަލާތުގެ ކަންތައް އޭރު ހުރިގޮތުން ދަތި އުނދަގޫ ކަންކަން ހުރިނަމަވެސް، ވަރަށް ޒިންމާދާރުކަމާ އެކުގައެވެ. އަދި އަތޮޅުއޮފީހުގެ ސެކްރެޓަރީކަމުގައި ހުންނެވި ދުވަސްވަރުވެސް، އަތޮޅުއޮފީހުގެ އިދާރީ ކަންކަމާއި، ފައިސާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައިވެސް ނަސީމާ އަދާކުރެއްވި ދައުރު ވަރަށްބޮޑެވެ.

ނަސީމާ މުޙައްމަދު ކަލޭފާނަކީ، އަތޮޅުވެރިޔާ ނެތް ކޮންމެ ހިނދެއްގައި، އަތޮޅުއޮފީސް ވަގުތީގޮތުންވެސް ހިންގަވައިފައިވާ ބޭފުޅެކެވެ. އަދި އަތޮޅުވެރިން ނެތް ކޮންމެ ވަގުތަކުވެސް އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަތޮޅުގެ އެންމެހައި ކަންކަން ނިންމަވަމުން ގެންދެވީ، މުޅި އަތޮޅުގެ މަޞްލަޙަތަށް ބައްލަވައިގެންނެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަޢާރުފު ކުރެއްވުމާ ގުޅިގެން އަތޮޅުއޮފީސްތައް، ކައުންސިލް އިދާރާތަކަށް ބަދަލުކުރެއްވުމަށްފަހުގައިވެސް، މ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރު ކަމުގެ މަގާމު، 2011 ވަނަ އަހަރުން ފެށިގެން 5 އަހަރު ވަންދެން ނަސީމާ އަދާކުރެއްވިއެވެ. މި މަގާމުގައި ހުންނެވިއިރު، ދަތި އުނދަގޫ ކަންކަމާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އެކަންކަން ނަސީމާ ޙައްލުކުރައްވަމުން ގެންދެވީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ.

ނަސީމާ މުޙައްމަދު ކަލޭފާނަކީ، މުޅި އަތޮޅަށްވެސް މަޝްހޫރު ފޫޅުމައެކެވެ. ފޫޅުމާކަމުގެ ސަނަދު ހާސިލު ކުރައްވައިގެން، 1969 ވަނަ އަހަރުގެ ފަހުކޮޅު ރަށަށް ވަޑައިގަތުމަށްފަހު، މީހުން ވިއްސުމަށްޓަކައި ރިޔާނެގި ދޯނިފަހަރުގައި ރަށްރަށަށް ދަތުރު ކުރެއްވިއެވެ. މި މަސައްކަތް ކޮށްދެއްވީ ހިލޭސާބަހަށެވެ.

ނަސީމާ މުޙައްމަދު ކަލޭފާނަށް ވަނީ ރާއްޖެތެރޭގައި ޞިއްޙީ ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1980 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. ރާއްޖޭގެ އަތޮޅުތަކުގައި ޚިދުމަތް ކުރެއްވި ކަނބަލުންގެ ތެރެއިން، އެންމެ ފުރަތަމަ ރެހެންދި އެވޯޑު ހާސިލު ކުރެއްވި ބޭފުޅަކީވެސް ނަސީމާއެވެ.