އަލްފާޟިލާ ނަފީސާ ޢަލީ
ނިއުލައިޓް ރ. އުނގޫފާރު

ނަފީސާ ޢަލީ، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 އެޕްރީލް 1984 ގައެވެ. ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ދިގު މުއްދަތުގައި، ނަފީސާ ޢަލީ ޚިދުމަތް ކުރައްވައިފައިވަނީ، އުނގޫފާރު ޞިއްޙީ މަރުކަޒުގައްޔާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި 2 ނަންބަރު ނަރސްކަމާއި، 1 ނަންބަރު ނަރުސްކަމާއި، ޖޫނިއަރ އެސިސްޓެންޓް ނަރސްކަމާއި، އެސިސްޓެންޓް ނަރސްކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސްކަމާއި، ޕްރެކްޓިކަލް ނަރސްކަން ހިމެނެއެވެ. 1 ފެބުރުވަރީ 2009 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްއެއްގެ ވަޒީފާއެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހުޅުވައިގެން ޚިދުމަތް ދޭން ފެށި ދުވަސްވަރަކީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިން މަދު ދުވަސްވަރަކަށްވީނަމަވެސް، ނަފީސާ ޢަލީއަކީ، އިންސާނީ ޚިދުމަތް ދިނުމުގެ މުހިންމުކަން ދެނެވަޑައިގެން، އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނަރުހެއްގެ ހައިސިއްޔަތުން ނުކުމެވަޑައިގެން، އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ނ.އަތޮޅުގައްޔާއި، ރ.އަތޮޅުގައްޔާއި، ބ.އަތޮޅުގައްޔާއި، ޅ.އަތޮޅުގައި އެކި ދުވަސްވަރު ހިންގުނު އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ނަފީސާ ޢަލީ އަދާކުރައްވައިފައިވާ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ބަލިމީހުންނަށް ފަރުވާ ދެއްވުމާއި، ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް، ޑޮކްޓަރުންގެ ސަމާލުކަމަށް ގެންނަވައި، އަދި އެވަގުތަކު އެމީހަކަށް ދޭންޖެހޭ ފަރުވާއެއް އަވަހަށް ދެއްވުމާއި، ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާގެ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދެއްވުން ހިމެނެއެވެ. އަދި އާދަޔާޚިލާފު ނުރައްކަލަކާ ނުލައި ވިހާ މީހުން ވިއްސުމާއި، ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތެރި ކަންކަމަށް މާބަނޑު މީހުން ހޭލުންތެރިކުރުވުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވުންވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގައި ނަރުހުންގެ ޚިދުމަތް ފެށުނު ދުވަސްވަރު ޚިދުމަތަށް ނުކުންނެވުމަށްފަހު، މިއަދާ ހަމަޔަށްވެސް ހުންނެވީ، ނަރުހެއްގެ ހައިސިއްޔަތުން ޚިދުމަތް ފޯރުކޮށްދެއްވުމުގައެވެ. ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުގައި ނަރުހެއްގެ ހައިސިއްޔަތުން ނަފީސާ ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތް ވަނީ ހިމެނިފައެވެ. އަދި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނަފީސާ ޢަލީގެ ޚިދުމަތް، ވަރަށް ފުރިހަމައަށްދަނީ ލިބެމުންނެވެ.