އަލްފާޟިލް މުޙައްމަދު ތައުފީޤު
މ. ޑްރީމީލައިޓް

މުޙައްމަދު ތައުފީޤަކީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާއާ މުޙައްމަދު ތައުފީޤު ގުޅިވަޑައިގަތީ، 20 ޖުލައި 1981 ގައެވެ. އެއީ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ އިންޖިނިއަރ ޓްރޭނީ (ޓްރާންސްމިޝަން)ގެ މަގާމުންނެވެ. އޭގެފަހުން ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، އެތާނގެ ސީނިއަރ އިންޖިނިއަރ ކަމުގެ ވަޒީފާއަށް ހަމަޖެއްސެވީ، 5 ނޮވެންބަރު 1985 ގައެވެ.

މުޙައްމަދު ތައުފީޤު، މި ދާއިރާގައި ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުތަކާއި މާލެއާ ދެމެދު މުވާޞަލާތު ކުރުމަށް އަތޮޅުއޮފީސްތަކުގައި ބަހައްޓާފައި ހުންނަ އެސް.އެސް.ބީ. ސެޓްތަކާއި، އެންޓަނާތަކާއި، އެ ސިސްޓަމްސްތަކުގައި ބޭނުންކުރާ ޕަވަރ ސިސްޓަމް މަރާމާތު ކުރުމަށް، މަދުވެގެން އަހަރަކު އެއްފަހަރު އަތޮޅުތަކަށް ވަޑައިގެން، އެ ތަކެތި މަރާމާތު ކުރެއްވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެންޓަނާ މާސްޓް ރޫޅާލައިގެން، އެ ހުރިތަނުން ނަގައިގެންގޮސް، އެހެން ތަނެއްގައި ބަހައްޓަވައިގެން، މުވާޞަލާތު ކުރެވޭނެގޮތް ހައްދަވަންވެސް ޖެހިވަޑައިގެންފައި ވެއެވެ.

ކުރީގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގައި ޤާއިމުކުރެވުނު "ޓޯލްކޯލް ސެންޓަރު" ގައި ބަހައްޓާފައި ހުރި 5 އެސް.އެސް.ބީ. ސެޓް ފޯން ލައިނާ ގުޅުމަށް ލައިން އިންޓަރފޭސް ފަރުމާކުރައްވައި، އެ އިންސްޓޯލް ކުރުމުގެ މަސައްކަތަކީވެސް މުޙައްމަދު ތައުފީޤު އަމިއްލަފުޅަށް ކުރިއަށް ގެންދަވައިފައިވާ މަސައްކަތެކެވެ. އަދި، ކ.މާފުށީގައްޔާއި، ކ.ވިލިނގިލީގައި ޤާއިމުކުރެވުނު "މާލޭ ކޯސްޓަލް ރޭޑިޔޯ ސްޓޭޝަން" ގައި އެންޓަނާތަކާއި، ޓްރާންސްމީޓަރުތަކާއި، ރިސީވަރުތައް ބަހައްޓައި، ސެޓްއަޕް ހެއްދެވުމުގައި ޢަމަލީގޮތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރަށް، ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން އަރިއަތޮޅުގައި ޤާއިމުކުރެވުނު "ޓްރޮޕޯ-ސްކެޓަރ ލިންކް" އާއި، އެ އަތޮޅުގެ ރަށްރަށުގައި ޤާއިމުކުރެވުނު ފޯނު ލިންކްތައް އެޅުމުގައި، މުޙައްމަދު ތައުފީޤު ކުރައްވައިފައިވާ މަސައްކަތްތައްވެސް ހަނދާންކޮށްލަންޖެހެއެވެ.

2006 ން 2010 އަށް އެކުލަވައިލެވުނު ޓެލެކޮމް ޕޮލިސީ އެކުލަވައިލުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އެއްކުރުމަށް، އަތޮޅުތަކުގައި ބޭއްވުނު މަސައްކަތު ބައްދަލުވުންތަކުގައި، މުޙައްމަދު ތައުފީޤު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި، މި ޕޮލިސީ އެކުލަވައިލެއްވުމުގައިވެސް މުހިންމު ދައުރެއް ވަނީ އަދާކުރައްވައިފައެވެ. އޭގެފަހުން އެކުލަވައިލެވުނު ހުރިހާ ޕޮލިސީތައް އެކުލަވައިލުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މުވާޞަލާތީ ދާއިރާއިން ޢާންމުން ހޭލުންތެރިކުރުވުމަށް، 2006 ވަނަ އަހަރުން ފެށިގެން އަތޮޅުތެރޭގައި ބާއްވަމުން ގެންދިޔަ ޓެލެކޮމް ފެއަރތައް އިންތިޒާމު ކުރައްވައި، ރަށްރަށުގައި ފެއަރތައް ކުރިއަށް ގެންދިޔުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެ ޚިދުމަތް، ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުގައި ދެމުންދާ އުސޫލުން ދިނުމަށްޓަކައި، އެކަމާބެހޭ ސިޔާސަތު އެކުލަވައިލުމާއި، ޚިދުމަތް ދިނުމާއި، ރެގިއުލޭޓް ކުރުން މައިގަނޑު ތިން ބަޔަކަށް ބަހައިގެން، 2003 ވަނަ އަހަރު ރާއްޖޭގައި ޚިދުމަތް ދޭން ފެށުމާ ގުޅިގެން، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް، މި ދާއިރާއަށް މުޙައްމަދު ތައުފީޤުގެ ޚިދުމަތް ލިބިފައިވަނީ ރެގިއުލޭޓަރީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ހިންގުމުގައި، އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން، ބައެއް ޙާލަތުގައި އޮތޯރިޓީގެ ހިންގުމާ ހަވާލުވެވަޑައިގެން ހިންގަވާ އިސްވެރިޔާގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ތައުފީޤު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ އެސިސްޓެންޓް އިންޖިނިއަރ ކަމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގެ ޓެލެކޮމިއުނިކޭޝަންސާ ބެހޭ ބައިގެ އިންޖިނިއަރު ކަމާއި، ސީނިއަރ އިންޖިނިއަރުކަން ހިމެނެއެވެ. މުޙައްމަދު ތައުފީޤު މިހާރު ހުންނެވީ، ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.