އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމް
ދަފްތަރު. ނަންބަރު 5178

އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، 25 ޑިސެންބަރު 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ވަޒީފާއެވެ. އޭގެފަހުން އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓްކަން ކުރައްވައިފައި ވެއެވެ. 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެ ސަރވިސްގައެވެ. އެން.އެސް.އެސް.ގައި އުޅުއްވިއިރުވެސް ތަޙުޤީޤުގެ މަސައްކަތްތަކުގައިވެސް އުޅުއްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމް ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، އޮޓޮމޯޓިވް އިންޖިނިއަރިންގ ޔުނިޓާއި، ޓްރާންސްޕޯޓް މެނޭޖްމަންޓް ޔުނިޓާއި، އިލެކްޓްރިކަލް އިންޖިނިއަރިންގ ޔުނިޓާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ ސަރވިސަސް ހިމެނެއެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މަސައްކަތް ކުރައްވައިފައިވަނީ، އެ ޔުނިޓެއްގެ އެންމެ އިސް ބޭފުޅެއްގެ ގޮތުންނެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމަކީ، ހއ.އަތޮޅު، ހދ.އަތޮޅު، ބ.އަތޮޅު އަދި ޅ.އަތޮޅު، މިއިން ކޮންމެ އަތޮޅެއްގެ ޕޮލިސް ސްޓޭޝަންގެ އިންޗާޖްކަމާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރަށް ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައިވެއެވެ.

މިހާ ދިގު މުއްދަތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުނީތީ އެކަމާމެދު މުޙައްމަދު ނަޞީރު އިބްރާހީމް ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވައެވެ. ސިފައިންގެ ތެރޭގައިވެސް ޚިދުމަތް ކުރެއްވީ، އަދި މިހާރު ފުލުހުންގެ ތެރޭގައިވެސް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ވަޒީފާއަށް އޮތް ޝައުޤެއްގެ ބޮޑުކަމުންނެވެ.